ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޝުޖާއު އުސްމާން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ޝުޖާއު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާފައިވާ އިރު، އޭނާ މިހާރުވެސް ހުރީ ދެ މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. ޖޭއެސްސީން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ޝުޖާއުގެ މައްޗަށް ތަހުގީގު ކުރަމުން އައީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރި މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައެވެ.
އެ މައްސަލަތަކުގެ ތަހުޤީގު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ ފުރުސަތު ދިނުމަށްފަހު ޝުޖާއުއަށް ރިޕޯޓް ހަވާލުކޮށްފައިވާ ޖޭއެސްސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ޝުޖާއު ސަސްޕެންޑް ކުރުމާ ގުޅިގެން ހައިކޯޓު ހިންގުން، އެކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާ ވަނީ ހަވާލުކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު