އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ވެއްދުމަށް ޓަކައި ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފައްޔާޒް އިސްމާއީލް ނިސްބަތްވެވަޑައިގަންނަވާ، އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ވަނީ "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އިސް މަޖިލިސް މެންބަރަކު ވިދާޅުވީ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށެވެ.

ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެ އެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ވެސް ދުވަސްތަކެއް ވެފައިވާ ކަމަށް ވަން އަށް މައުލޫމާތު ދެއްވި އެއް މެންބަރަކު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ، އަދި އެމަނިކުފާނުގެ އެންމެ އަރިސް ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމި ސީދާ ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުންނާ އެކު އެމްޑީޕީ އޮތީ ސުޕަ މެޖޯރިޓީގަ އެވެ. އެހެން ކަމުން ފައްޔާޒްގެ އިތުބާރު ނެތް ކަމަގެ މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް އެކަން ފާސްވުމަށް ބޭނުންވާ ވޯޓު ހަމަ ކުރެވޭނީ، އެމްޑީޕީގެ ތެރެއިން ގިނަ ވޯޓުތަކެއް ލިބިގެންނެވެ.