މާލެ ދަތުރުކުރާ ޅ. ނައިފަރު ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ "ވަން" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެރަށުން މާލެ ދަތުރުކުރާ "މެގަ އާރު" ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފަޅުވެރިއެއް ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން މާލެއިން ރަށަށް އައިސް، ބަލީގެ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓުން ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން އަލާމާތްތައް ފެނުނު ދުވަހުން ފެށިގެން ބަހައްޓާފައި ހުރީ ހޯމް ކަރަންޓީނުގައި ކަމަށްވެސް ވިދާދު ވިދާޅުވި އެވެ.

މިއީ ނައިފަރުން ފެނުނު ފުރަތަމަ ކޮވިޑް ކޭސް އެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު މާލެ ދަތުރުކުރާ ބޯޓު ފަހަރުން ރަށަށް ދާ މީހުން ޕޮޒިޓިވްވަމުން އަންނަ ކޭސްތައް ވެސް ދަނީ ފެންނަމުންނެވެ.