ކޮވިޑް-19 ޖެހިގެން އިއްޔެ މަރުވި މީހާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅީ މަރުވި މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށް އާއިލާއިން ބުނެފި އެވެ.
މީގެ ދެ ދުވަހެއް ކުރިން އައިޖީއެމްއެޗުގެ އިމަޖެންސީ ރެސްޕޮންސް (އީއާރު)އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 20 ވަނަ މީހާ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން އިއްޔެ ވިދާޅުވި ގޮތުގައި އޭނާއަކީ މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްގެ މީހެއް ކަމަށެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު ނެގި ކޮވިޑް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވި މީހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ މަރުގައި އެޗްޕީއޭ އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ. މަރުވި މީހާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި މައުލޫމާތު އާންކުރި މީހަކު ބުނި ގޮތުގައި މަރުވި މީހާއަކީ ހައި ރިސްކް ގްރޫޕުގެ މީހަކަށް ވާތީ އައިސޮލޭޝަނަށް ގެންގޮސްދޭން ތަކުރާރުކޮށް އާދޭސް ކުރި އެވެ. ނަމަވެސް މަރުވި އިރުވެސް އައިސޮލޭޝަނަށް ގެންދެވިފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
"އާދޭސް ކޮށްކޮށް ތިއްބައި ވަކިވެގެން އެ ދިޔައީ ފުރާނައެއް،" އާއިލާގެ ފަރާތުން ޓުވިޓާގައި އެކަކު ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ އެގެއިން މީހަކު ޕޮޒިޓިވްވިތާ ހަ ދުވަސް ވީ އިރުވެސް އައިސޮލޭޝަނަށް ގެންދަން ނާދެވުނު ކަމަށާއި ޑައިރެކްޓް ކޮންޓެކްޓުންގެ ޓެސްޓު ހަދައިދޭން އާދޭސް ކުރުމުން އެކަން ވެސް ކޮށްނުދިން ކަމަށެވެ.
މަރުވި މީހާއަށް ބޮޑުބޭބެ ކިޔާ ހުސެއިން ޝާހިދު ކިޔާ މީހަކު ބުނި ގޮތުގައި ބޮޑުބޭބެ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅީ އޭނާގެ ޖަނާޒާގެ ކަންތައް ކުރިއަށް ދަނިކޮށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެ މޮނީޓަރިންގެ ހާލަތަށް ލާފައިވާކަން އަންގާ އެޗްޕީއޭ އިން ދޫކުރާ ލިޔުން ވެސް ލިބުނީ އިއްޔެ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ނުލިބެ އެވެ. އަދި ރަސްމީ ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. މިމަހުގެ ދެ ވަނަ ދުވަހު މަރުވި މީހާ ވެސް ޓެސްޓުކޮށްދޭން އެދުމުން ޓެސްޓު ނުކޮށްދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޭޑީކޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.