މިދިޔަ 24 ގަޑިއިރު ތެރޭ 66 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5223 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެއްސަކާއި ބަންގުލަދޭޝްގެ 12 މީހަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 14 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2849 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2354 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 148 މީހަކު އެބަ ތިއްބެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 66 މީހަކު ޕޮޒިޓިވްވި ނަމަވެސް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ގިނަ ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު ޕޮޒިޓިވްވެފައިވަނީ 143 މީހެކެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 116 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ވަނީ މަރުވެފައެވެ. އެއީ 15 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 13 ދިވެއްސަކު ހިމެނެއެވެ.