ގުޅިފަޅު ޕްލޭންގައި މާލޭ ރައްޔިތުންނަށް 1200 ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ކަމަށް، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގުޅިފަޅު ޕްލޭންގައި ގޯތި ދޫކުރަން ކަނޑައަޅާފައި ވޭތޯ، އޮޅުން ފިލުއްވުމަށް އެކި ގޮތްގޮތަށް ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އަދި އޮތީ ގުޅިފަޅުގެ ޑްރާފްޓް ޕްލޭނެއް ކަމަށާއި އެކި މަރުހަލާތަކުން އެ ޕްލޭނަށް ބަދަލު އައުން އެކަށީގެން ވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ގުޅިފަޅުން ދޫކުރުމަށް ކަނޑައަޅާފައިވާ ގޯތީގެ އަދަދު މަދު ނުވާނެ ކަމަށާއި ވަންޏާ ވާނީ ގިނަ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ޕްލޭނެއް އޮތުމަކީ އެކަން ރައްޔިތުންނަށް އެނގޭނެހެން ގެޒެޓު ކުރެވިފައި އޮތުން ކަމަށެވެ. އެހެންކަމުން ވަޒީރު ޖަވާބު ދެއްވަން ޖެހޭނީ ސާފުކޮށް އޮޅުން ފިލާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ގުޅިފަޅާ ބެހޭ ގޮތުން އޮތީ ޑްރާޕްޓް ޕްލޭނެއް ކަމަށާއި ގާނޫނީ ގޮތުން އެ ޕްލޭންގައި ސިއްކަ ޖަހަނީ ޕްރޮސެސްއެއްގެ ތެރެއިން ގޮސްގެންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލާއި ކަމާގުޅޭ އެހެން ފަރާތްތަކާ އެކަން ހިއްސާ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.