އައްޑޫ ސިޓީ ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިތަދޫން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް އިއްޔެ ނެގި ސާމްޕަލުން ކަމަށް އެ އެޖެންސީން ބުނެ އެވެ.

މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫން ފެނުނު ދެ ވަނަ ޕޮޒިޓިވް ކޭސް އެވެ. އެޗްޕީއޭ އިން ރޭ ވަނީ އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލުންނެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު އެކްޓިވް ކޮވިޑް ކޭސް 13 ރަށަކުން ފެނިފައިވެ އެވެ. އެއީ ސ. ފޭދޫގެ އިތުރުން ހއ. ކެލާ، ހއ. ހިގަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު، ރަށްރަށަށް ދާން ހުއްދަ ދޭ އުސޫލު ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ.

އެއީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހިފައިވާ މީހުންނާއި ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާއަށް ރަށަށް ބަދަލުވާންޖެހޭ ފަރާތްތަކާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުންނެވެ.