ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 240 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި އެބަ ތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެ 240 މީހުންގެ ތެރޭގައި އެކިއެކި ސަބަބުތަކާހުރެ ނުގެންދެވި ތި މީހުން ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް އެ މީހުން ވެސް ވީއެންމެ އަވަހަކަށް ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތަށް ގެންދާއިރު ވެސް ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ހާއްސަ އިސްކަމެއްދޭ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ކުއްޖާގެ މަންމަ ޕޮޒިޓިވްވީ، ނަމަވެސް ދަރިފުޅު ޓެސްޓުކުރުމަށްފަހު ރިޒަލްޓް ލިބުނީމަ ދާން ބޭނުންވާ ފަރާތްތައް އެބަ ތިބި. ނޫނީ އޭގެ އަނެއްކޮޅު. ކުއްޖާ ޕޮޒިޓިވްވީމަ މަންމަ ޓެސްޓުކުރުމަށްފަހު ދާން ވެސް އެބަތިބި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަދުން ނަމަވެސް ވަކި ފެސިލިޓީއަކަށް ނުވަތަ އާއިލާ މީހަކު ހުރި ފެސިލިޓީއަކަށް ނޫނީ ނުދާން ބޭނުންވާ މީހުން ވެސް އެބަ ތިބި ކަމަށެވެ.