މިފަހަކަށް އައިސް ކޮވިޑް 19ގެ ކުދި ކުލަސްޓާތައް އިތުރުވަމުންދާ ކަމަށާއި ނަމަވެސް ކޮންޓެކްސް ފެންނަ އަދަދު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ދުވަހެއް ދުވަހަކަށް ކޭސްތައް އިތުރުވަމުންދާާ ކަމަށެވެ. އަދި ދިވެހިން ޕޮޒިޓިވްވާ އަދަދު މަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ފަހަކަށް އައިސް ކްލަސްޓާތައް ފެންނަ މިންވަރު އިތުރު ކަމަށާއި އެހެންކަމުން ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާކަން މިކަމުންވެސް އެނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޭސްތައް ފެންނަ އަދަދު އިތުރު ނަމަވެސް ކޮންޓެކްޓްތައް ފެންނަ މިންވަރު މަދު ކަމަށެވެ. އެހެން ނަމަވެސް ގުޅުމެއްނެތް ކޭސްތައް އިތުރަށް ބަލަމުންދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކޮންޓެކްޓްސް ތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެމީހުންނަކީ އެންމެ ގިނައިން ހަރަކާތްތެރިވެ، ބޭރު ތެރޭގައި އެންމެ ގިނައިން އުޅޭ ފަރާތްތައް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެ ސަމާލުކަން ދޭންވީ އެ އުމުރުފުރައިގެ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.