މާސްކް ނާޅައި މަގުމަތީގައި އުޅުނު 62 މީހަކު މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީި އިއްޔެގެ 6:00 އިން މިއަދު ހަވީރު 5:00 އަށް މާސްކު ނާޅައި ބޭރުގައި އުޅުނު 137 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. އަދި މާސްކު ނާޅައި އުޅުނު 62 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މާސްކު ނާޅައި ބޭރުގައި އުޅުމުން މިހާތަނަށް 1356 މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި 278 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 157 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަަމަށާއި 79 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ގައިޑްލައިނުގައި ގެއިން ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާވާ ގޮތަށް ކަމަށް އެޗްޕީއޭއިން އާންމު ކުރި ގައިޑްލައިނުގައިވެއެވެ.

އެޗްޕީއޭއިން ވަނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާކޮށްފައެވެ. އަދި އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.

އެއީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.