ކޮވިޑް-19 އަށް ޕޮޒިޓިވްވި ނުވަ މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޑީއެޗް11 ގައި ދެ މީހަކަށް އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހަތް މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވް 2088 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި އޭގެ ތެރެއިން 144 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 129 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4898 އަށް އަރައިފިއެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 37 މީހެކެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2791 އަށް އަރައިފަ އެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޮވިޑް ކޭސް 12 ރަށަކުން ފެނިފައިވެއެވެ. އެއީ ހއ. ކެލާ، ހއ. ހިގަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ. އަދި މިރޭ އައްޑޫ ސިޓީން ވެސް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 12 ދިވެއްސަކު ހިމެނެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19