ކޮވިޑް ފެތުރޭތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރި ނަމަވެސް ރާއްޖޭގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރުމާ މެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލު ނުވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގައިދުރުކަމާއެކު ރާއްޖޭގެ މިސްކިތްތަކުގައި ނަމާދު ކުރުމާ މެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލު ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވަގުތާއި ހާލަތާއި ގުޅިގެން ފަތުވާ ބަދަލުވާން ޖެހޭނެ ކަމަށާއި ބަލި ނުފެތުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބު ކަމެއް ކަމަށެވެ.

"ވަގުތާއި ހާލަތާއި ގުޅިގެން ފަތުވާ ބަދަލުވާން ޖެހޭނެ. އެއީ އައިބެއް ހުރި ކަމެއް ނޫން. ރާއްޖޭގެ ފަތުވާ މިކަމުގައި ބަދަލު ނުވާތީވެ އަޖައިބުވަން، ބަލި ނުފެތުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބު ކަމެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދީފައިވާ އިރު، މިސްކިތްތަކުގައި ނަމާދު ކުރަނީ ގައިދުރުކަންމަތީގައެއް ނޫނެވެ. މިސްކިތްތަކުގައި އެފަދަ އިންތިޒާމުތައް ހަމަޖައްސައިފައެއްވެސް ނުހުރެ އެވެ.