ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ދެ ބޭފުޅަކާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހދ. ކުޅުދުއްފުށި/ ފިނިފެންޖަންބުގޭ، ޑރ. މުހައްމަދު އިބްރާހީމާއި ދަފްތަރު ނަންބަރު 2302، އަލްއުސްތާޒު އަލީ ރަޝީދު ހުސެއިން އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާއަށް ފޮނުވާފައިވާ ކަމަށެވެ.
މި ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު އިބްރާހީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮގަސްޓް 7، 2010 ގައި ސުޕްރީމް ކޯޓު ގާއިމުކުރެވެންދެން އެކޯޓުގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއީ ރައީސް އޮފީހުން ދެއްވި މައުލޫމާތާ ހިލާފު މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމުން ކަމަށް ވިދާޅުވެއެވެ.
ޑުރަގް ކޯޓުގެ ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަލީ ރަޝީދު ހުސެއިންއަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެގެން ހުންނެވި ގާޒީއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ގާޒީ އަލީ ރަޝީދެވެ.
ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ތަސްދީގުކުރެއްވުމުން އައްޔަންކުރަންޖެހޭ ދެ ފަނޑިޔާރުންގެ މަގާމަށެވެ.
ސުޕްރީމް ކޯޓު ބެންޗުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު