ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 145 ފަރާތަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށެވެ.

ކާފިއު ގަޑީގައި ބޭރުގައި އުޅުނު އެއްވެސް މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައެއް ނުވެއެވެ.

އިއްޔެ އިން ފެށިގެން ވަނީ ރޭގަނޑު 10:00 އިން ފަތިހު 5:00އަށް ބޭރުގައި އުޅުން މަނާކޮށްފައެވެ. އަދި އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.

އެގޮތުން އެޗްޕީއޭއިން ބުނީ ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅެވޭނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް ކަަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.