ސަރުކާރު ކޯލިޝަންތެރޭ ގުރުއަތުލައިގެން ނަމަވެސް ޓުއަރިޒަމް މިނިސްޓަރަކު އައްޔަން ކުރުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ސައީދު މިހެން ވިދާޅުވީ ޕީސީއާރު ޓެސްޓު ނުހެދިގެން ފަތުރުވެރިންނަށް ނުފުރިގެން އެކަމާ ގުޅިގެން ނޫހަކުން ލިޔެފައިވާ ހަބަރެއް ޓުވީޓު ކުރައްވައިފައެވެ.

އެގޮތުން ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތަކެއް ހަމަނުޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭޕްރީލް މަހު ފަހުކޮޅު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު ބޯޑަރުތައް އަލުން ހުޅުވައިފައިވަނީ މިދިޔަ މަހު 15ގައެވެ. އެ ދުވަހު ރާއްޖެއަށް 102 ފަތުރުވެރިން އައިސްފައި ވެއެވެ.

މެންބަރު ސައީދު މިމޭރުމުން ޓުވީޓެއް ކުރެއްވި އިރު، ރާއްޖެއަށް އައިސްފައި ތިބި ބައެއް ފަތުރުވެރީން ފުރުމުގެ ކުރީން ހަދަން ޖެހޭ ޕީސީއާރް ޓެސްޓު ނުހެދިގެން ފުރުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބައެއް ރިސޯޓުތަކުން އަންނަނީ އެ ޝަކުވާ އުފުލަމުންނެވެ.