ކައުންސިލުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާގެ ހިދުމަތުން އަގު ކަނޑައަޅަން ޖެހޭ ގޮތަށް ހިމަނާފައިވާ ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިއީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި އެނޫން ވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެ ކަމަށާއި ހިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ހިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަން ދޭންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
އޭގެ އިތުރުން ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ ކަމުގައި ހަދަންވާނެ ކަމަށާއި އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ހިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެއް ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.
އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިއުކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު