ފަތިސް ނަމާދަށް މިސްކިތަށް ދާން ބޭނުންވާ ފަރާތްތައް އެއްވެސް ހުއްދައެއް ނުނަގައި ކާފައު ގަޑީގައި މިސްކިތަށް ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އޭގެ ތެރޭގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ވަނީ ބޭރުގައި އުޅުން މަނާކޮށްފައެވެ. އަދި އެވަގުތުތަކުގައި ބޭރުގައި އުޅުމަށް ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅެވޭނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އާއި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް ކަަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުން މަނާކުރުމުގެ އިތުރަށް ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ހިދުމަތްތައް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ހުއްޓައިލަންވެސް ވަނީ އަންގައިފައެވެ. އަދި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާ އިރު، ގިނަ މީހުން އެއްވެގެން ކުޅިވަރުތައް ކުޅެ، ހަފުލާތަކާއި ޕާޓީތަކާއި އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ސިއްހީ ބޭނުންތަކާއި ޒަރޫރީ ބޭނުންތަކަށް ރަށްރަށުން މާލެއަށް އައިސްފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް މާލެއިން އެހެން ރަށްރަށަށް ނުދެވޭނެއެވެ. އަދި ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަށް އިލްތިމާސްކޮށްފައިވާ އިރު، ބަލި ފެނިފައިވާ ރަށްރަށުގައި މާސްކު އެޅުން ވަނީ ލާޒިމުކޮށްފައެވެ. އަދި ގޭގައި ކޮންމެހެން ޖެހިގެން ނޫނީ އޮފީސްތައް ވެސް ނުހުޅުވައި ގެއިން މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު