މިދިޔަ މެއި މަހު ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބަނގުލަދޭޝްގެ ޝާހު އަލަމް މަރާލި މައްސަލައިގައި ބިދޭސީއަކަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ގުރައިދޫ ކަންޑަރު ސަރަޙައްދުގައި ހުރި ސައިޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޝާހު މަރާލި މައްސަލައިގައި ބަނގުލަދޭޝް ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ކުށް އޭނާއަށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު އަންނާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.
އެ މައްސަލައިގައި ތުހުމަތުވާ ބަބުލް ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. ބުބުލް އަކީ ޝާހުގެ މަރާ ގުޅިގެން ތަންތަން ފާސްކުރަނިކޮށް ޒަހަމުތަކާ އެއްކޮށް ފެނުނު ބިދޭސީ މީހާއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބަބުލް ޒަހަމުވީ މަރުވި ޝާހުއާ މެދު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މަރުގެ ހާދިސާ ހިންގި ދުވަހުން ފެށިގެން ޝައްކު ކުރެވޭ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ޝާހުގެ ވާހަކަތައް މީގެ ކުރިން "ވަން" އަށް ކިޔައިދެމުން ގުރައިދޫގެ އަލި މަނިކު ބުނީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ. އޭރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅިން ދިން ހަމަލާތަކުގައި މުޅި ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. ޝާހުއަށް ދިން ހަމަލާތަކުގެ ސަބަބުން ކަރުގެ މައިނާރު ބުރިވެ، ބަނޑުގެ އަރިމަތިން ގޮހޮރުވެސް އޮތީ ނުކުމެފައެވެ. އަދި އޭނާއަށް ލިބިފައި ހުރި ޒަހަމުތައް ރަނގަޅަށް ބަލަން ވެސް ނުކެރުނު ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު