ކޮވިޑް 19 ޖެހިފައިވާ އެއް މަހުގެ ތުއްތު ކުއްޖެއްގެ ހުން ގަދަވެ، އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި އެކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ޑރ. ފައިސަލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއް މަހުގެ ތުއްތު ކުއްޖާގެ ހުން ގަދަ ވުމުގެ އިތުރުން ޑީހައިޑްރޭޓް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ގާތުން ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ނުވަ މަހުގެ ފިރިހެން ކުއްޖަކާއި ހަ މަހުގެ އަންހެން ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން އާދިއްތަ ދުވަހު ބުނެފައި ވެއެވެ.

އެޗްޕީއޭގެ ޑޭޝްބޯޑަށް ބަލާއިރު މިހާތަނަށް 10 އަހަރުން ދަށުގެ 210 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން 129 މީހަކު ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4293 އަށް އަރައިފައެވެ.