ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި، ހުސްކޮށް އޮތް ސްލޮޓް ސަރުކާރު ބޭނުންވާ ގޮތަށް ހުކުމް ނެރެދޭ، ފަނޑިޔާރުންނަށް ހުށަހަޅުން އަންނަ ކަމަށް އިދިކޮޅު ޕީއެންސީން ތުހުމަތު ކޮށްފިއެވެ.

އެކަމަށް ތުހުމަތުކޮށް، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ސުޖާއު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެއް ސްލޮޓް ހުސްކޮށް ބާއްވާފައި އޮންނަނީ، ސަރުކާރު ބޭނުންވާ ގޮތަށް ހުކުމް ނެރެދޭ، ފަނޑިޔާރުންނަށް ވެދުމަށް އަރުވަން ކަމަށާއި އެ ސްލޮޓް ހައިކޯޓުގެ އެތައް ފަނޑިޔާރުންނަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރުންނަށްވެސް އެ ސްލޮޓް ހުށަހަޅާފައިވާ ކަމަށް ސުޖާ ތުހުމަތު ކުރައްވާފައި ވެއެވެ.

ސުޖާގެ އިތުރު ޓުވީޓެއްގައި، ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކުޅިވަރު ތަރުތީބު ކުރެވިގެންދާ ގޮތް ފަނޑިޔާރުންނަށް ނޭނގެނީތޯ، ސުވާލު ކުރައްވައިފައެވެ.

"އެންމެ ސްލޮޓަކަށް 25 މީހުން ލެވޭތޯ، ފަނޑިޔާރުންނަށް މި ބޭފުޅުންގެ މި ކުޅިވަރު ތަރުތީބު ކުރެވިގެންދާ ގޮތް ނޭނގެނީތޯ، މި މީހުންގެ މަކަރުވެރިކަން ނުވިސްނޭތޯ، ސިސްޓަމް ފުނޑައިލި ގޮތް ވިސްނުންފުޅަށް ނާންނަނީތޯ،" ސުޖާއުގެ ޓުވީޓްގައި ސުވާލު ކުރައްވައިފައި ވެއެވެ.

ހަތް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގައި މިހާރު ފަސް ފަނޑިޔާރުން އެބަ ތިއްބެވިއެވެ.

އެ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ސުޕްރީމް ކޯޓުގައި އަދި އިތުރު ދެ މަގާމެއް ހުސްކޮށް އެބައޮތެވެ.