ހިޔާ މަޝްރޫއު

ފްލެޓް ކޮމެޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން 14 ދުވަހަށް ކަރަންޓީން ވާން ޖެހިއްޖެ، ލިސްޓުތައް ލަސްވެދާނެ

މުހައްމަދު ސިމާއު

1

ފްލެޓް ކޮމެޓީގެ މެންބަރުންނާއި އެ ކޮމެޓީގެ ހުރިހާ މުވައްޒަފުން 14 ދުވަހަށް ހޯމް ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފައިވާ ކަމަށާއި މި ކަމުގެ ސަބަބުން ފުލްޓް ލިބޭ މީހުންގެ ލިސްޓުތައް އާންމުކުރުން ތަންކޮޅެއް ލަސްވެދާނެ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އިން ބުނެފި އެވެ.

އެ ކޮމެޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމެޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ހޯމް ކަރަންޓީން ވާން ޖެހުނީ އެ ތަނުގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ.

"މި ކޮމިޓީން ކުރިން ނިންމާފައިވާ ގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓުތައް އާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓުތައް އާންމުކުރުން ލަސްވެގެންދާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އެ ކޮމެޓީން އެންމެ ފުރަތަމަ އާންމުކުރަން ނިންމާފައިވާ ކެޓަގަރީ ތަކަކީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ އަދި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 284 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކޮށްފައިވާ އިރު ޓީޗަރުންގެ ތެރެއިން 720 ފަރާތެއް އަދި މާލޭ ރަށްވެހިންގެ ތެރެއިން 4261 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ބަލާފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުނެ އެވެ.

ނަމަވެސް އަތޮޅު ތެރޭގައި ދިރިއުޅެމުން އަންނާތީ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ ކެޓަގަރީން އެއް ފަރާތެއް އަދި މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން 23 ފަރާތެއްގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައި ނުވާ ކަމަށް ކޮމިޓީގެ ބަޔާނުގައިވެ އެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނީ، އެ ތިން ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ނުބަލާ ފޯމުތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ފަށައިފައިވާ ކަމަށް ވެސް އެކޮމިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލައި ނިމިފައިވާ ކަމަށާއި ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު ވީ އެންމެ އަވަސް ތާރީހެއްގައި ލިސްޓުތައް އާންމުކުރަން ފަށާނެ ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެ އެވެ.