ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އެޗްޑީސީން އެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕާ ހަވާލުކޮށް، ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމެމުންދާ ކަމަށެވެ.

"ހަތް ފުލެޓެއްގައި، ހަތް ޓަވަރެއްގައި ނިމިއްޖެ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތިން، ހަތަރު މަހެއްގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް މި އުންމީދުކުރަނީ. އޭޕްރީލް މަހުގެ ނިޔަލަށް މިހާރު އޮތް ޝެޑިއުލް އޮތްގޮތުން ވިއްޔާ ނިންމޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ޕާކިން ބިލްޑިން ހެދުމަށް މިހާރު އެގްރިމަންޓު ހެދިފައިވާ ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އަދި ފޭސް ދޭއްގައި ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.