ވަކި މުއްދަތަކަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން 220،000 ރުފިޔާ މައާފުކޮށްދިނުމަށް ނިންމާފައިވާކަން އެޗްޑީސީން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ.
ހިޔާގެ ކުލިން އެ އަދަދު މައާފުކޮށްދިނުމަށް، ހިޔާ ފުލެޓުތަކުގެ ކުލި 3،984 ރުފިޔާއަށް އޭރު ކުޑަކޮށްފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭރު އޮތީ އެ ހަތް އަހަރު ނިމުމުން 5،300 ރުފިޔާއަށް އަލުން ކުލި ބޮޑުވާގޮތަށެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓު ލިބޭގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދިނުމަށް އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށެވެ.
"މަހުން މަހަށް ދައްކަންޖެހޭ ވަރު ހަމަ ކޮންމެ މަހަކުވެސް އެ އަޅުގަނޑު ވައުދުވެފައިވާ ވަރަށް ދެއްކޭނެ ގޮތަށް އެގްރިމަންޓު ބަދަލުކޮށްދޭނަން. މިހާރު ތި ވިދާޅުވާހެން އޮތީ ވަކި އަދަދަކަށް ދިޔައީމަ، އެއަށްވުރެ ފަހުން ބޮޑުވާ ކަހަލަ ގޮތަކަށް. ނޫނީ އެ ވަކި އަދަދެއް ވީމަ ބޮޑުވާ ކަހަލަ ގޮތަކަށް. އެހެންވީމަ އެ އެ ނިޒާމަކީ ނޫނީ އެ ސިސްޓަމް ކަމަކުނުދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ހިޔާ ފުލެޓުގެ ކުއްޔަށް ދައްކަން ޖެހޭ އަދަދު އަދި ޖުމުލަ އަގުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ފުލެޓުތަކުގެ މަސައްކަތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ލުއިދިން ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް އެ ލުއި ހޯއްދަވައިދެއްވުމަށް އެ ބޭންކާ ވެސް މަޝްވަރާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ ޑައުންޕޭމަންޓު ބޮޑުތަނުން ކުޑަކުރެއްވުމަށް ނިންމަވާފައިވާކަން ވެސް އިއުލާންކުރައްވައިފައެވެ. އަދި އެ ފުލެޓުތަކުގެ ކުލި ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން ވެސް އިއުލާންކުރައްވައިފައެވެ.
މިހާރު އޮންނަ ގޮތުން ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 25،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 10،500 ރުފިޔާއެވެ. ރައީސް ނިންމަވާފައިވަނީ ޑައުންޕޭމަންޓު 8،500 ރުފިޔާއަށް ކުޑަކޮށް، މަހު ކުލި 10،000 ރުފިޔާއަށް ކުޑަކުރުމަށެވެ.
މިހާރު ދެ ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ނަގަނީ 15،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީއާއެކު މަހު ކުލީގެ ގޮތުގައި ނަގަނީ 7،000 ރުފިޔާއެވެ. ރައީސް ނިންމަވާފައިވަނީ ޑައުންޕޭމަންޓު 6،000 ރުފިޔާއަށް ކުޑަކޮށް، މަހު ކުލި ވެސް 6،000 ރުފިޔާއަށް ކުޑަކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު