ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް ޖެހިގެން 52 އަހަރުގެ ދިވެހި އަންހެނަކު މިރޭ 11:20 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެމީހާއަކީ ނޭވާލާން އުނދަގޫވާން އައިޖީއެމްއެޗަށް މިއަދު ހަވީރު އެ ހޮސްޕިޓަލަށް ދިޔަ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއީ ކޮވިޑް 19 ޖެހިގެން ރާއްޖެއިން މަރުވި 17 ވަނަ މީހާއެވެ.
ކޮވިޑު ޖެހިގެން މިރޭ ދިވެއްސެއް މަރުވެފައިވާ އިރު، މިހާތަނަށް ރާއްޖެއިން 12 ދިވެހިން މިބަލީގައި މަރުވެފައިވެއެވެ. ދެން ހިމެނެނީ ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ކޮވިޑް ޖެހިގެން މިރޭ ދިވެއްސެއް މަރުވިި އިރު، މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭ 156 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3949 އަށް ވަނީ އަރައިފިއެވެ.