ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއިންބުއިމާއި ކަރަންޓާއި ފެނުގެ ހިދުމަތަށް ސީލް މޯލްޑިވްސް އިން ހުރަސްއެޅި ކަމަށް ރިޒް ކުންފުނިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވައި، އެމީހުންނަށް މުސާރަ ނުދީ، ހަވާލުވާން ދެކޮޅު ހަދައި ހާލުގައި ޖައްސާފައި ވަނިކޮށް ފުލުހުންގެ އެހީތެރިކަމާއެކު އެމީހުން އިއްޔެ ވަނީ އެރަށުން ބާލައިގެން މާލެ ގެނެސްފައެވެ.

އެމީހުން އެރަށުން ބޭލީ ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑުމުގެ އިތުރުން ކައްކާ ކައިބޮއެ އުޅެވޭނެ ގޮތެއް ވެސް ނެތި، އިތުރަށް ހާލުގައި ޖެހިފައި ތިބުމުންނެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބޮޑުފިނޮޅުގައި ކާންބޯންދިނުމުގެ ކަންކަން ކުރަމުން އައީ ރިޒާގެ ހަރަދުގައި ކަމަށާއި އެގޮތަށް ކުރަމުން އައީ ޝަރުއީ މަރުހަލާގައި އޮތް ކަންކަން ނިމެންދެން ކަމަށެވެ. ބިދޭސީންގެ ކެއުމުގެ ކަންކަން ބަރާބަރަށް ގެންދާކަން ހިއުމަން ރައިޓްސް އޮފް މޯލްޑިވްސްއަށާއި ފުލުހަށް އެނގޭނެ ކަމަށާއި ބިދޭސީންނަށް އުޖޫރަ ދެވޭނެ އަވަސް ހައްލެއް ހޯދަމުން އަންނަ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ކާބޯތަކެތި ބޮޑު ފިނޮޅަށް ފޮނުވަން ހުރަސް އެޅީ ސީލް ކުންފުނިން ކަމަށާއި ކާބޯތަކެތި ބަލައި ބ. ތުޅާދޫއަށް ދިޔަ ބިދޭސީންނަށް ބޮޑުފިނޮޅަށް އަލުން ނޭރޭނެ ކަމަށް ބުނެ އެކި ފަހަރުމަތިން ސީލް އިން ހުރަސް އެޅި ކަމަށެވެ. އަދި އެކަން ފުލުހުންނަށްވެސް އެންގި ކަމަށް ބަޔާނުގައި ވެއެވެ.

"އެއްބަސްވުމާ ގުޅޭގޮތުން ދެބަސްވުންތަކެއް އުފެދުނު ކަމުގައި ވިޔަސް، އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ބޮޑުފިނޮޅަށް ކާބޯތަކެތި ގެންދިއުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލައި ތުޅާދޫއަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަ ނުދީ ލާ އިންސާނީ އެތައް އަމަލުތަކެއް ސީލް މޯލްޑިވްސްގެ ފަރާތުން ހިންގާފައިވާ ކަން ފާހަގަކުރަމެވެ." ރިޒްގެ ގާނޫނީ ކަންކަމާ ހަވާލުވެފައިވާ ލޯ ކްރާފްޓުން ނެރުނު ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ސީލް މޯލްޑިވްސް އަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގޮތުން ކާބޯތަކެތި ގެންދިއުމަށް އެކިފަހަރު މަތިން ސީލް އިން ހުރަސް އެޅި ކަމަށާއި ސީލްގެ ހުއްދަ ނެތި އެ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށްވެސް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެރަށުން ދަރު ހޮވައި ކެއްކުމަށް ހުރަސް އެޅި ކަަމަށާއި ފެނާއި ކަރަންޓް ކަނޑައިލާނެ ކަމަށްވެސް ބުނެފައިވާ ކަމަށެވެ. އަދި ބޮޑުފިނޮޅުން ފެނާއި ކަރަންޓްގެ ހިދުމަތް ކަނޑައިލަން ސީލް އިން މަސައްކަތް ކުރިކަން އެ ކުންފުނިން ދުރާލައި މީޑިއާތައް މެދުވެރިކޮށް ބުނެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބިދޭސީންނާ ހަވާލުވާން ރިޒްގެ މައްޗަށް ތުޅާދޫ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެއަމުރު އެ ކުންފުނިން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ބިދޭސީންގެ މުސާރަ ހޯދުމުގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.