Close Election
Close
ޚަބަރު

ނޮޅިވަރަންފަރާއި ދިއްދޫ އަދި ވަށަވަފަރަށް އަރައި ފޭބުން މަނާކޮށްފި

ހއ. ކެލާ ސަވާރީ ބޯޓުން ފެނުނު ޕޮޒިޒިޓިވް ކޭސްތަކާ ގުޅިގެން އެ އަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަންފަރަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ އެ ތިން ރަށަށް ރެއިން ފެށިގެން އަރައި ފޭބުން ވަގުތީ ގޮތުން މަނާކުރެވިފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ސަވާރީ ބޯޓުން ދަތުރުކުރި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަވާރީ ބޯޓްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ހެދުމުން އިއްޔެ ވަނީ ނުވަ މީހަކު ޕިޒިޓިވްވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސަވާރީ ބޯޓު މާލެއިން ފުރައިގެން ކެލައަށް ގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަން ކަމަށެވެ. އަދި މާލެއިން ފުރިއިރު ވެސް ކެޕްޓަންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަން ހުރި ކަމަށް މައުލޫމާތުދީފައިވީ ނަމަވެސް ސާމްޕަލް ނެގިފައިވަނީ އޭނާ އަތޮޅުތެރެއަށް ދިއުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އިއްޔެ އެކަނިވެސް 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ދިވެއްސަކާއި ބަންގުލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާގެ ހަތަރު މީހެކެވެ. އެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 3719 އަށް އަރައިފަ އެވެ. ދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 1120 މީހަކެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިއްޔެ 14 މީހަކު ބަލިން ފަސޭހަވެ ޖުމްލަ އަދަދު ވަނީ 2568 އަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދިހަ ދިވެއްސަކު ހިމެނެ އެވެ.