އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުންފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ، ދިވެހި ރައްޔިތުންނަކީ، އަހުވަންތަ ބަޔަަކަށް ވުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދަކީ މިއަހަރުގެ އަލުހާ އީދު ދުވަސްކަމަށްވާއިރު، ދިމާވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން، އީދު ނަމާދު ކުރުން ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެންނެވެ.

މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ، އަލުހާ އީދުގެ ހަގީގަތާއި މަގުސަދުތަކުގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ، މިފަދަ ބަރަކާތްތެރި އުފާވެރި ދުވަހެއްގަައި އަޅުގަނޑުމެނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިއުމަތުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އެއީ މަތިވެރިވެގެންވާ އިސްލާމް ދީނުގެ ނިއުމަތް ކަމަށާއި، އެ ދީނަކީ އަޅުގަނޑުމެންގެ ގައުމުގެ މިނވަންކަމާއި، ވަހުދަތުގެ ބިންގާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ އަގީދާ ހަރުދަނާކޮށް ވަކިވަކި ވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުވަން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި އެންމެހައި ރައްޔިތުންގެ އަޒުމް އާކުރުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

ހުތުބާގައި ބުނެފައި ވަނީ، މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށާއި، މި ދުވަހަކީ ގިިނަގިނައިން ޒިކުރުކޮށް ތަކުބީރު ކިޔައި ތަހުލީލު ކިޔައި އުޅެންވީ ދުވަސް ކަމަށެވެ.

"އަލުހާ އީދު ދުވަހުގައި ހަނދާނަށް އަންނަނީ އިބްރާހީމް އަލައިހިއްސަލާމްގެ ދަރިކަލުން އިސްމާއީލް އަލައިހިއްސަލާމް ގުރުބާނުގެ އިމްތިހާނަށް ހުށަހެޅިގެންދިޔަ ވަގުތު ކަން ހިނގައިދިޔަ ގޮތެވެ. އަދި އެކަމުގައި ހިމެނިގެންވާ އިބްރަތްތެރި ދަރުސްތަކެވެ."

މި ހާދިސާއިން މުސްލިމުންނަށް ލިބިގެންދާ ފިލާވަޅަކީ ކެތްތެރިކަމާއި ކިޔަމަންތެރިކަމުގެ ފިލާވަޅު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ، މިއަދަކީ އުއްމަތުގެ އެއްވެސް ފަރުދަކު އެކަހެރިނުކޮށް އެންމެން ޝާމިލުވާގޮތަށް އެންމެހާ މުސްލިމުންނަށް އަންނަ އުފާވެރި މުނާސަބަތެއް ކަމަށެވެ. އިސްލާމީ އީދުތަކުގައި އޮތީ އިސްލާމީ މިންގަނޑު ތެރޭގައި އުފާ ފާޅު ކުރުމާއި، މުނިފޫހި ފިލުވުން ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ނަމަވެސް އެއީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުންނޫން ކަމަށާއި، އެއީ ކާބޯތަކެތިން ބަނޑު ފުރައިލުން ނޫން ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއީ ﷲ ގެ ހައްދުތައް ފަހަނަ އަޅައި ދިއުންނޫން ކަމަށްވެސް ބުނެފައި ވެއެވެ.

"ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުންނެވެ. އެކަނި ވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެންނެވެ. ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެންނެވެ. ނިކަމެތި މީހާ ބާރުވެރިކޮށްދީގެންނެވެ. ފަގިރުމީހާގެ މުހުތާދުތައް ފުއްދައިދީގެންނެވެ. ބީރައްޓެހިމީހާ ރައްޓެހި ކުރުވައިގެންނެވެ. އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ. އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއް ވެސް ނޫނެވެ. އެއީ ﷲ ގެ ހައްދުތައް ފަހަނަ އަޅައި ދިއުމެއްވެސް ނުމެ ނޫންމެއެވެ.،"

އީދު ޝަރުއު ކުރެއްވުމުގެ މަތިވެރި ހިކުމަތްތަކުގެ ތެރޭގައި މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުން ހިމެނޭކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ހައްޖުގެ މަތިވެރި އަޅުކަމުން ކޮންމެ ހައްޖުވެރިޔަކަށް އަނެކާގެ ހަޔާތަށް ހުރުމަތްތެރިކޮށް ހިތަން ދަސްވެއެވެ. ސުލްހަ މަސަލަސްވެ، އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށް ތަމްރީނު ލިބެއެވެ. އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައި ނުގަތުމަށް ތަރުބިއްޔަތު ލިބެއެވެ."

ކިލަނބު ވެފައިވާ އިޖުތިމާއީ ހާލަތު ބަދަލުކޮށް އުފާވެރި ތާހިރު ހަޔާތެއް ބިނާކުރެވޭނީ އަޅުގަނޑުމެންގެ މުޅި ހަޔާތުގެ މަންހަޖަކީ އިސްލާމްދީންކަމުގައި ހަދައިގެންކަމަށް ހުތުބާގައި ބުނެފައި ވެއެވެ. ބައިބައި ނުވެ، އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށްޓަކައި އެކުވެރިވެ، އެއްގަލަކަށް އަރައިގެން، ކަމަށްވެސް ބުނެފައިވެއެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކީ އެއްބައިވަންތަކަން ކަމަށާއި، އެމީހުންނަށް ލިބިފައިވާ ނާކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ، ބައިބައިވުން ކަމަށްވެސް ބުނެފައި ވެއެވެ.

ކޮވިޑް 19 ގެ ސަބަބުން ދިމާވި ދަތި އުނދަގޫ ދުވަސްތަކަށްފަހު، ރައްކާތެެރިކަމުގެ ފިޔަވަޅުތަކާއެކު އާއްމު ދިރިއުޅުމަށް ލުއިތަކެއް ލިބި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާކަން ފާހަގަކޮށް ކުރިޔަށް އޮތް ތަނުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުންމަތީ ދެމި ތިބުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.