އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަލްހާ އީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ފާހަގަ ކުރައްވައިފައެވެ.
އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންވެސް، އެގައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާއި، އަހުވަންތަ ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.
މި އީދާ ގުޅިފައިވާ ރޫހާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ލައްވައި، އީދާއެކުގައިވާ، އަޅުކަމުގެ އަގުތަކާއި، ގުރުބާން ކުރުމާއި، އެއްބައިވަންތަކަމާއި ރަހުމަތުގެ ސަބަބުން، މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.
އެމަނިކުފާނު ވަނީ، މި މަތިވެރި މުނާސަބަތުގެ ސަބަބުން، ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ހާލަތު ދެނެގަތުމާއި، އަޅާލުމާއި އަދި އެއްބައިވަންތަކަން ބަދަހިވެގެން ދިޔުމަށާއި ހައްޖުގެ އަޅުކަން އަދާކުރަމުން ގެންދާ އެންމެހާ ހައްޖާޖީންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެން، އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުއާކުރައްވައިފައެވެ.
މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ، ގައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ސިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވައިފައެވެ. އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި އުފާވެރިކަން މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ފާތިމަތު ލިއުޝާ
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު