އީދަކީ އުފާވެރިކަމެވެ. އުފާފާޅުކުރުމެވެ. އުފާވެރިކަމުގެ އިހުތިފާލުތައް ބޭއްވުމެވެ. ކުދިބޮޑުއެންމެތަކުން ރީތިހެދުންލައި ނަލަހެދި ވަސްމީރު ހުވަނދުލައި ޒީނަތްތެރިވުމެވެ. ގޯތިގެދޮރާއި މަގުތަކާާއި މައިޒާންތައް ނަލަކޮށް ޖަރީކޮށް ޒީނަތްތެރިކުރުމެވެ. މީރުހައި ކާބޯތަކެތި ކައިބޮއި ހެދުމެވެ. މިގޮތުން އުފާވެރިކަމުގެ ގޮތްތަކާއި ކަންކަން ފުރިހަމަކުރުމެވެ. އާދޭހެވެ! "އީދު އަންނަނީ ހިނިތުންވަމުންނެވެ. މާމަލުގައި ނަލަ ކުލަޖައްސަމުންނެވެ. ރީތިވިހާ ލަވަކިޔަމުންނެވެ. މީރުކެއުންތައް ކައިހަދަމުންނެވެ."

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

އިސްލާމީ އީދުތައް އަދި އަޅުކަންތައް ދިވެހިރާއްޖެއަށް ތައާރަފުވީ ހިޖުރައިން 548 ވަނަ ރަބީޢުލްއާޚިރު މަހު ދިވެހިރާއްޖެ އިސްލާމްވުމުންނެވެ. ވީމާ، 548 ވަނަ އަހަރު ރަމަޟާންމަސްރޯދަމަސް ކަމުގައިވެ ރޯދަ ނިމި ކުޑައީދު ފާހަގަކުރިއެވެ. އަދި 548 ވަނަ ޙައްޖުމަހު ބޮޑުއީދު ފާހަގަކުރިއެވެ. މިގޮތުން އިސްލާމީ 2 އީދު މިރާއްޖޭގައި 548 ވަނަ ފާހަގަކުރުމުން މިއަހަރު 1447 ގައި މި ފާހަގަކުރެވުނީ ބަރާބަރު 900 ވަނަ އީދުތަކެވެ. 2 އީދު ތަފާތުކުރުމަށް ކުޑައީދު އަދި ބޮޑުއީދުގެ ނަން ދެވުނީއެވެ.

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ މިސަރަހައްދުގެ ބުދުދީނެވެ. ވީމާ ބުދުދީނުގެ އީދުތައް އޭރު ފާހަގަކުރިއެވެ. ރާއްޖެ އިސްލާމްވުމުގެ ފަހުން ފާހަގަކުރި އީދުތަކުގައިވެސް ކުރީގެ ސަގާފަތުގެ އަސަރުތައް ހިމެނެއެވެ. އެެއީ ތަބީއީ ކަމެކެވެ. ކުޑައީދަށްވުރެ ބޮޑަށް އިހުތިފާލްތައް ގިނައީ ބޮޑުއީދުގައެވެ. ކުޑައީދާއި ވިދިގެން ހަރޯދަ ހިމެނޭތީ ކަމުގައި ވާތީ އީދުގެ އިހުތިފާލުތަައް އޮންނަނީ އީދުދުވަހު އެކަނި ކަމުގައިވުމުން ކަމަށް ބެލެެވެއެވެ.. ބޮޑުއީދުގައި އީދުދުވަހާއި މުނާސަބު ތިންދުވަހާއެކު ހަތަރުދުވަހު އީދުގެ އުފާވެރިކަމުގެ އިހުތިފާލުތައް އޮންނާތީ ބޮޑުއީދު ބޮޑުއީދު ކަމުގައިވީއެވެ.

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

ދެއީދު ދެދުވަސް އައްޔާމު ތަޝްދީޤުގެ 3 ދުވަސް އެއީ ރޯދަހިފުންވެސް ޙަރާމް 3 ދުވަހެވެ. އިސްލާމީ އުފާވެރިކަމުގެ 5 ދުވަހެވެ. އީދުނަމާދުކުރުން 900 އަހަރު ވެރިރަށް ފުރަމާލެއާއި ރަށްރަށުގައި އޮތްކަން ފާހަގަކުރަންޖެހެއެވެ. މިގޮތުން 800 އަށްވުރެ ގިނައަހަރު މާލެއާއި ކޮންމެ ރަށެއްގައި އީދުނަމާދުކުރުން އޮތީ އެއްމިސްކިތެއްގައެވެ. އެ މިސްކިތެއްގެ ވަށައިގެން އޮންނަ ހާމަ ސަރަހައްދުގައިވެސް ޖަމާއަތް ހެދޭގޮތަށެވެ. ފުރަމާލޭގައި ރަސްމީ އިއްޒަތުގައި ކީރިތި މަހާރަދުންނާާއި އަމީރުންނާާއި ވަޒީރުންނާއި ދައުލަތުގެ ވެރިން 800 އަހަރު އީދުނަމާދަށް ވަޑައިގެންފައިވާކަންވެސް ފާހަގަކުރަންޖެހެއެވެ.

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

މާލޭގައި މީގެ 200 އަހަރުކުރިން އީދުނަމާދު ކުރުމަށް ވަކި މިސްކިތެއް ބިނާކުރެވިފައިވެއެވެ.

ކުޑައީދުގެ މައިގަނޑު ހަރަކާތްތަކަށް ބަލާާއިރު އީދުހުޅު ފާހަގަކުރެވެއެވެ. އެއީ ރޯދަމަސް ނިމުނުކަމުގެ ނިޝާނެކެވެ. އަދި އީދު ސަލާމް އެއީވެސް ކުޑައީދުގައި ޚާއްޞަ ކަމެކެވެ. ކުޑައީދުގައި އީދު ނަމާދަށް ދިއުމުގެ ކުރިން މީރުކާއެއްޗެއް ކައެވެ. މިގޮތުން ކުޑައީދަށް ޚާއްޞަ ކުބުސް ފަދަ ކާއެއްޗެހި އެކިއެކި ސަރަހައްދުގައި ހަދައެވެ. މިއާދަކާދަ މެދުނުކެނޑި އަދިއަދަށްދާންދެން އެބަހިނގައެވެ. އީދު ސަލަވާތުގެ ކެއިންވެސް ފާހަގަކުރެވެއެވެ. އީދުވެދުމާއި އީދުހަދިޔާގެ އިހުތިފާލުތަކެވެ. ދުވާލުގެ ކުޅިވަރުތަކާއި ރޭގަނޑު ކުޅިވަރުތަކެވެ.

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

ބޮޑުއީދުގެ މައިގަނޑު ހަރަކާތްތަކަށް ބަލާާއިރު އީދުގެ ހުރިހާ ކުޅިވަރުތަކެއްވެސް ކުޑައީދަށްވުރެ އިތުރުވެފައި ގިނަގުނައެވެ. ހަތަރުދުވަހު މެދުނުކެނޑި އުފާފާޅުކުރެވޭ ބޮޑުއީދެވެ. އީދުސަލަވާތުގެ ކެއިންވެސް ބޮޑުކަން ފާހަގަކުރެވެއެވެ. ދުވާލުގެ ކުޅިވަރުތަކާއި ރޭގަނޑު ކުޅިވަރުތައް ފުރިހަމަަވެ ބޮޑުވެގެންވިއެވެ.

އީދުގައި ކުޅުނު ސަގާފީ ކުޅިވަރުތަކަށް ބަލާއިރު، ތާރަ، ބޮޑުބެރު، މާލި، ދަފި، ބަނޑިޔާ، ލަނގިރި، ހިމެނެއެވެ. އަދި ދެޖިންސު އެއްވެގެން ކުޅޭ އީދުކުޅިވަރުތައް ބޮޑުތަކުރުފާނު ވާހަކަ ފަދަ ވާހަކަތަކުން ފާހަގަކުރެވެއެވެ.

ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި އީދުކުޅިވަރުތައް ތަފާތުވެގެންވިއެވެ. މޮޅުކަމާއި ބޮޑުކަމާއި ގިނަކަމެވެ. ފަންނުވެރިކަމާއި ހުނަރުވެރިކަމާއި ކުޅަދާނަކަމެވެ. ވީމާ އީދުކުޅިވަރު ބަލަން އެކަަމަށް ޚާއްޞަ ރަށްރަށަށް ޒިޔާރަތްކޮށް އީދުކުޅިވަރުތައްް ބެލުމުގެ އާދަކާދައަކީ ގަރުނުތަކެއްވީ އާދަކާދައެކެވެ.

ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ---

ދިވެހިރާއްޖެއަށް އައި 900 އީދުގެ ތެރެއިން މުސީބާތާއި ނާމާންކަމާއި ބިރުވެރިކަމާއި ހިތްދަތިކަމާއި ތަދުމަޑުކަމާއި ބަލިމަޑުކަމުގެ ދުވަސްވަރު އައި އީދުތައް:

  1. ފޯޗުގީޒުން ރާއްޖެ އަޅުވެތިކުރި 965 އިން 981 އަށް (މީލާދީން 1558 - 1573) ޕޯޒުގީޒުންގެ ކޮންޓުރޯލުގެ ދަށުން ފާހަގަކުރެވުނު އީދުތައް. (ތިލަދުންމަތީ ބައުރަށުގައި މިގޮތުން ފާހަގަކުރެވުނު ބައެއް އީދުގެ އިހުތިފާލުތަކުގައި ބޮޑުތަކުރުފާނު ބައިވެރިވެވަޑައިގެންފައިވޭ) މިމުއްދަތުގެ 17 ވަރަކަށް އީދު ހިމެނޭ.
  2. ފުރަތަމަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި މީގެ 110 އަހަރުކުރިން 1320ގެ އަހަރުތައް (މީލާދީން 1914 - 1918) ހިޖުރީގޮތުން 5 އަހަރުގެ އީދުތައް.
  3. ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމާއި ބަލިމަޑުކަމުގައި 1358 އިން 1372 އަށް، (މީލާދީން 1939 - 1953) އަދި ފުރަތަމަ ޖުމުހޫރިއްޔާ ނިމުމާއި ހަމަޔަށް 14 އަހަރުގެ އީދުތައް.
  4. ކޮވިޑުގެ ވަބާގައި 1441، 1442ގެ ކުޑައީދު ބޮޑުއީދު، ވީމާ، 900 އަހަރުގެ ތެރެއިން 40 ވަރަކަށް އީދު ހިތާމަވެރިކަމުގައި.

މީގެ 50 އަހަރުކުރިން ރާއްޖެއަށް ޒަމާނީ މިޔުޒިކު ތައާރަފުވުމާއެކު އީދުކުޅިވަރުތަކުގައި ސަގާފީ އަސަރުތަކާއި ޒަމާނީ އަސަރުތައް މަސްހުނިވާން ފެށިއެވެ. މިގޮތުން ބަލާއިރު 2000 ގެ އަހަރުތައް ފެށުނުއިރު މުޅިރާއްޖޭގައިވެސް އީދުކުޅިވަރުތަކުގައި ޒަމާނީ ސްޓޭޖު ޝޯތަކާއި ތަމުސީލުތައް ހިމެނެއެވެ. އީދުކުޅިވަރުތަކުގައި ސަގާފީ ކަންކަން ގިނަކުރުމުގެ މުހިންމުކަން ހުރިހާގޮތަކުން ފައިދާހުރިކަން މިއަދު ފާހަގަކުރެވެއެވެ. އިޖުތިމާއީ ގޮތުންވެސް އިގުތިސާދީ ގޮތުންވެސްމެއެވެ. ފަތުރުވެރިކަމުގެ ތެރެއިން ސަގާފީ ކުޅިވަރުތަކާއި ހަރަކާތްތަކަށް ލިބޭ ފައިދާތައް ވަނީ ނުހަނު އިތުރުވެފައެވެ.

"ރަންޒަމާނޭ އަސްތާ އައިމިއީ ހިތްއުފާކޮށްލައިދޭން އައިސް ބަލާ" ވީމާ، މިއީ މިކަންކަމުގެ ކުރިމަގު އުޖާލާ ރަންޒަމާނެކެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.