ކުޅިވަރު

ކްލަބުތައް މާލީގޮތުން ބާރުވެރިކުރުވުން، އެސޯސިއޭޝަންތަކުގެ ޒިންމާއެއްބާ؟

އައިދާ އަބްދުލް ހަކީމް

ރާޢްޖޭގެ ކުޅިވަރަށް މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ކްލަބްތައް ހިންގާނެ ފައިސާ ނެތުމެވެ. ނުވަތަ މާލީ ގޮތުން ކްލަބުތައް ބާރުވެރި ނުވުމެވެ. މިމައްސަލައަކީ ވަކި ކުޅިވަރަކަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ހުރިހާ ކުޅިވަރަކަށްވެސް މި މައްސަލަ ކުރިމަތިވެފައިވާއިރު، މިކަން ހައްލު ކުރުމަކީ ކޮންބައެއްގެ ޒިންމާ އެއްތޯ ވެސް މިވަނީ ސުވާލު އުފެދިފައެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ފުޓުބޯޅައަށް ބަލާއިރު، ބޭރު ގައުމުތަކުގައި ކްލަބުތަކަކީ ފިޔަފާރިވެރިން ސްޕޮންސާކޮށްގެންނާއި ކްލަބުން ހިންގާ ބައެއް ޕްރޮޖެކްޓްތަކުން ލިބޭ ފައިސާއިން ހިންގާ ކްލަބުތަކެވެ. ރާއްޖެއަށް ބަލާއިރު މީގެ ކުރިން ކްލަބުތައް ހިންގީ މި ބީދައިންކަމަށް ބުނެވިދާނެ އެވެ. ރާއްޖޭގެ އެންމެ ގިނަ ކާމިޔާބީތައް ހޯދި ކްލަބްތައް ހިންގާފައިވަނީ ކޮންމެވެސް ފިޔަފާރިވެރިޔަކު މެދުވެރިވެގެންނެވެ. އޭރު ރާއްޖޭގެ ފުޓުބޯޅައިގެ ފޯރިވެސް ގަދައީއެވެ.

އެހެންނަމަވެސް ފަހަކަށް އައިސް މާލޭގެ ގަލޮޅުދަނޑުގައި ބާއްވާ އެންމެ ބޮޑެތި މެޗްތައް ބަލަންވެސް ސަޕޯޓަރުންނެއް ނުވަދެއެވެ. އެހެންކަމުން ސަޕޯޓަރުން މެޗް ބަލަން ވަދެގެން ލިބުނު ޓިކެޓްފައިސާ ވެސް މިހާރަކު ނުލިބެއެވެ. ޓިކެޓު ވިއްކައިގެން ޓީމުތަކަށް ލިބުނު އެހީ ނުވަތަ ގޭޓް ފައިސާއަކީ ވެސް ޓީމުތައް މެނޭޖު ކުރުމުގައި ބޮޑު އެހީތެރިކަމަކަށް ވިއެވެ. ދަނޑަށް މީހުން ނުވަންނަނީ ފުޓުބޯޅައިގެ ފޯރި ކެނޑިގެންތޯ ނޫނީ ސިޔާސަތު ގޯސް ވެގެންތޯ ނުވަތަ އެހެން ކަމެއް ވެގެންތޯ މިއީ ދިރާސާކޮށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމެކެވެ.

ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުންނާއި އެފްއޭއެމް އިން ގިނަ ފައިސާތަކެއް ހަރަދު ކުރެއެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކްލަބު ހިންގަން ބޮޑެތި އަދަދުތަކުން ފައިސާ ދެއެވެ. މިދިޔަ ސަރުކާރުގައި ކްލަބުތައް ހިންގަން ޔޫތު މިނިސްޓްރީން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ތިން މިލިއަން ރުފިޔާގެ އެހީއެއް ދިނެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން ވަނީ ކްލަބުތަކަށް އެ ގޮތަށް ފައިސާ ނުދޭން ނިންމައިފައެވެ. މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް އެއިރު ވިދާޅުވެފައިވަނީ ކްލަބުތައް ހިންގުމަކީ ކްލަބުތަކުގެ އަމިއްލަ ޒިންމާއެއް ކަމަށެވެ. ދައުލަތުން އެހާ ބޮޑު ހަރަދެއް ހަމަ އެކަނި ފުޓުބޯޅަ އަށް ދެވެން ނޯންނާނެ ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކްލަބުތައް މާލީގޮތުން ހަރުދަނާކުރެވޭނެ އިންތިޒާމުތަކެއް މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެ ކުރިން ސަރުކާރުން ދިން ތިން މިލިއަން ރުފިޔާ ނުދޭން ސަރުކާރުން ނިންމުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިން ދެމުން އައި ތިންމިލިއަން އެފްއޭއެމް އިން ކްލަބުތަކަށް ދޭނެކަން އިއުލާނުކުރައްވައިފަ އެވެ. އެގޮތުން ޕްރިމިއަ ލީގުގައި ކުޅުނު 2 ކްލަބަކަށް ފިޔަވައި އެހެން ހުރިހާޓީމަކަށް ބައްސާމް ވަނީ އެފައިސާ ދެއްވައިފައެވެ. ނަމަވެސް ސަރުކާރުން އެންމެ ބޮޑު ބަޖެޓެއް މިހާރުވެސް ދެމުން އަންނަ ކުޅިވަރަކީ ފުޓުބޯޅަ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް މީގެ ކުރިން ވިދާޅުވެފައިވަނީ ކްލަބުތައް މާލީގޮތުން ބާރުވެރި ކުރުމަށް ކުރިޔަށް އޮތްތާނގައި ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެފްއޭއެމްގެ އާ އިމާރާތަކީ އޭގެ ފެށުން ކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ އެއިމާރާތް ބައްޓަން ވެގެންދާނީ ކޮންމެ ކްލަބަކަށް އާމްދަނީ ހޯދޭނެ ސިސްޓަމަކަށް އެތަން ބޭނުން ކުރެވޭނެ ގޮތަކަށް ކަމަށެވެ. ކޮންމެ ކްލަބަކަށް ވިޔަފާރިއެއް ފެށުމަށް އެއިމާރާތުން ޖާގަ ދެވިގެންދާނެ ކަމަށާއި އެތަން ބޭނުންކޮށްގެން ކްލަބު ހިންގަން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

އެކަމުގެ ސަބަބުން އެފްއޭއެމް އިން މިހާރު ކްލަބުތަކަށް ކުރަމުން އަންނަ ހަރަދު ކުޑަވެގެންދާނެ ކަމަށް ބައްސާމް ގަބޫލުކުރައްވައެވެ. އޭގެސަބަބުން ފުޓުބޯޅައިގެ އެހެން ޕްރޮޖެކްޓްތަކަށް އެފައިސާ ހަރަދު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކްލަބުތައް މާލީ ގޮތުން ބާރުވެރި ނުކޮށް ކުޅިވަރު ކުރިއަރާނެ ކަމަށް ބައްސާމް ވެސް ގަބޫލެއް ނުކުރައްވައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި މީގެ ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކުރެއްވި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު(މާއްޓެ) ވިދާޅުވީ ކްލަބުތައް ބާރުވެރި ކުރުވުމުގެ ބަދަލުގައި ކޮންމެވެސް އެއްބަޔަކަށް ބަރޯސާވެގެން ކްލަބުތައް ހިންގާ ގޮތް ބަދަލުވާން ޖެހޭކަމަށެވެ. އެގޮތަށް އަބަދުވެސް ސަރުކާރަށް ބަރޯސާ ވުމުގެ ސަބަބުން ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމުން އެކަމުގެ ގެއްލުން ކްލަބުތަކަށް ކުރާކަން ވޭތުވެދިޔަ ކުރު މާޒީއަށް ވިސްނާލުމުން އެނގޭނެ ކަމަށެވެ. މާއްޓޭ ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގާ ކްލަބުތަކުގެ ތެރެއިން މާޒިޔާ އަކީ ވަރަށް ނަމޫނާ ކުލަބެއް ކަމަށެވެ.

ސަރުކާރުން ނުވަތަ އެފްއޭއެމް އިން ދޭ ފައިސާއިން ކްލަބު މެނޭޖު ނުކުރެވުމުގެ ސަބަބުން ފުޓްބޯޅައިގެ ޒަމާންވީ އެތައް ކުލަބެއް ވަނީ އެ ކުޅިވަރުން މަހުރޫމް ވެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުތުބޯޅައިގެން އެންމެ ބޮޑެތި ނަންތައް ކަމަށްވާ ނިއުރޭޑިއަންޓް އަދި ވިކްޓްރީ ފަދަ ކުލަބުތައް ފާހަގަކުރެވެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު "ވަން" ވިދާޅުވީ ކުޅިވަރަކީ ފޭން ބޭސް ބޮޑު ކޮށްގެން ކްލަބުތަކަށް އަމިއްލަ ފައިތިލަ މައްޗަށް ތެދުވެވިދާނެ ކުޅިވަރެއް ކަމަށެވެ. ނަމަވެސް އެކަމަށްޓަކައި ކުރާން ޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. މީގެ ކުރިން ފުޓުބޯޅަ ހިންގި ބޮޑެތި ކްލަބުތަކުން ސަރުކާރު އަދި އެފްއޭއެމް އަށް ވެސް ބަރޯސާވާން ނުޖެހޭ ކަމަށާއި އެހެން ނަމަވެސް އެމީހުންގެ ފޭން ބޭސް ބޮޑު ވުމުން ގިނަ ފައިދާތަކެއް ކްލަބުތަކަށް އޭރު ލިބިގެންދިޔަ ކަން މަރުޒޫގް ފާހަގަ ކުރެއްވިއެވެ. މަރުޒޫގް ވިދާޅުވީ ކްލަބުތަކުން މަސައްކަތް ކޮށްފިނަމަ ކްލަބު ރަނގަޅުގޮތުގައި ހިންގިދާނެ ކަން މާޒިޔާ އިން އަންނަނީ ސާބިތުކޮށްދެމުން ކަމަށެވެ. އެމީހުންގެ ބޮޑު ފޭން ބޭސް އެއް ނެތްނަމަވެސް ކްލަބް މެނޭޖުކުރުމަށް އެޓީމުން އެކި އެކި ގޮތް ގޮތުން މަސައްކަތް ކޮށް ކްލަބު މެނޭޖް ކުރަމުން އަންނަކަން މަރުޒޫގު ފާހަގަ ކުރެއްވި އެވެ.

ފުޓުބޯޅަ ފިޔަވައި އެހެން އެއްވެސް އެސޯސިއޭޝަނަކުން ކްލަބުތަކަށް އެ މިންވަރަށް ވެސް ފައިސާގެ އެހީ އެއް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވުމުގެ ސަބަބުން ޓީމުތައް ވެސް ގެއްލޭ ފަހަރު ވަރަށްގިނަ އެވެ.

އާންމުންގެ ތެރެއިން ބައެއްމީހުން ގަބޫލުކުރާ ގޮތުން ކްލަބުތަކަށް އެހާބޮޑު ހަރަދެއް ދައުލަތުން ކުރާކަށް ނުޖެހެއެވެ. އެފްއޭއެމް އިން ވެސް އެފަދަ ހަރަދުތައް ކުރާކަށް ނުޖެހެއެވެ. ނަމަވެސް ކުލަބުތައް ހިންގޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އަދި ސަރުކާރަށް އެހީތެރި ވެވިދާނެ ކަމަށް އާންމުންގެ އިތުރުން ކުޅިވަރުގެ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކުޅިވަރު ކުލަބު ތަކަކީ ސަރުކާރުން ފައިސާ ދީގެން ނޫނީ އެސޯސިއޭޝަނުން ދޭ އެހީއިން ހިންގާ ކުލަބުތަކެއް ނޫނެވެ. ކުލަބުތައް ހިންގާން ބޭނުންވާ އާމްދަނީ ހޯދަނީ އެ ކުލަބުތަކަށް އެހީވާ ފަރާތްތަކުންނާއި ކުލަބުން ހިންގާ ވިޔަފާރި އާއި އެނޫންވެސް އާމްދަނީ ލިބޭ ހަރަކާތްތަކުގެ އެހީގައެވެ. ރާއްޖޭގައި މި ގޮތަށް ކަންކަން ބައްޓަން ވެގެން ޕްރޮފެޝަނަލް ލެވެލެއްގައި ކުލަބުތައް ނުހިންގާކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން ރާއްޖޭގެ ކުޅިވަރުގެ ފޯރި ވަރުގަދަކޮށް، ކުރިއެރުވޭނީ މިކަންކަމަށް ސީރިއަސްކޮށް ވިސްނައި، އެއްމޭޒެއްގެ ދޮށުގައި އިށީނދެ މުޅި ސިޔާސަތު އެއްކޮށް ބަދަލުކޮށް އާ ވިސްނުންތަކެއް ވެސް ނެރެގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.