ކޮވިޑުގެ މިހާރުގެ ހާލަތާ ގުޅިގެން މާސްކު އެޅުން މަޖުބޫރު ކުރާ ހާލަތަށް ގޮސްފައިވާ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތު ނެތް ކަމަށާއި އެހެންކަމުން މާސްކު އެޅުން މަޖުބޫރު ކުރުމާ ދޭތެރޭ ވިސްނާނެ ކަމަށެވެ.

"މާސްކް އެޅުން މަޖުބޫރު ކުރާ ހާލަތު، މަޖުބޫރު ކުރަން ނުޖެހޭ ހާލަތެއް އޮތް ކަމަކަށް ނުދެކެން މިހާރު. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް އަޅުގަނޑުމެން ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން ވަރަށްވެސް މުހިންމު ކަމަށާއި ނަމަވެސް މާލޭގައި މާސްކު ނާޅާ އުޅޭ މީހުން މަގުމަތިން ފެންނަލެއް ގިނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލައެއް ނޫން ކަމަށް ދެކިގެން މާސްކު ނާޅައި އާއިލާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުކުރާ ނަމަ، މި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

"ކޮންމެ ފަހަރަކު އަޅުގަނޑުމެން ކޭސްތަކުގެ އަދަދު އިތުރުވާ ދުވަހު އެކަންޔެއް ނޫން. 130އަށް އެރީމަ، އެއަދަދު ބޮޑުވެގެން އެކަމުގެ ހާސްކަމެއްގެ ތެރޭގައި ދެ ދުވަސް ވަންދެން މާސްކު އަޅާފައި ހަނދާން ނެތިގެން ދިޔައީމަ މި ބަލީގެ ނުރައްކަލުން އަޅުގަނޑުމެންނަށް ސަލާމަތެއް ނުވެވޭނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުން ކުރަމުންދިޔައީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް މައުލޫމާތު ދީ ހޭލުންތެރިކުރުވައި ވިސްނައިދީގެން މި ބަލިން ރައްކާތެރިކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އުސޫލުތަކަށް ތަބާ ނުވާ ނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.