ގަސްދުގައި ކޮވިޑް-19 ފަތުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިމާރާތެއްގެ ސެކިއުރިޓީ ކެމެރާއިން ނަގާފައިވާ 30 ސިކުންތުގެ ވީޑިއޯއެއް މިއަދު ވަނީ މީސްމީޑިއާގައި ދައުރުވާން ފަށައިފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ނަންބަރު އައިނަކާއި މާސްކެއް އަޅައިގެން ހުންނަ ގާތްގަނޑަކަށް މެދު އުމުރުގެ ފިރިހެނެކެވެ. އޭނާ ގޮސް އިމާރާތުގެ ލިފްޓަށް އަރަން ބަޓަނަށް ފިއްތައިލުމަށްފަހު އަޅައިގެން ހުރި އައިނާއި މާސްކު ނަގައި އަތަށް ލުމަށްފަހު ނޭފަތު އެތެރެއާއި އެއްކޮށް، ރަނގަޅަށް ނޭފަތް ފޮޅައިލަ އެވެ. އަދި ޖީބު ތެރެއަށް އަތްލުމަށްފަހު ނަގައި، މޫނުމަތީގަ އާއި ތުނބުޅީގައި އަތް ހާކައިލުމަށްފަހު އަނެއްކާ ވެސް ލިފްޓުގެ ބަޓަނަށް ފިއްތައިލާތަން ފެނެ އެވެ. އަދި އަނެއްކާ ވެސް މޫނުމަތީގައި އަތް ހާކައިލުމަށްފަހު، އަޅައިގެން ހުރި މާސްކު ރީތިކޮށްލުމަށްފަހު މޫނުމަތީގައި އަޅައެވެ.

ނަމަވެސް އެ ވީޑިއޯ އިން ފެންނަނީ ދިވެއްސެއް ކަމެއް އަދި އޭނާއަކީ ލިފްޓު ހުރި ގޭގައި އުޅޭ މީހެއް ކަމެއް ވެސް ނޭނގެ އެވެ.

އެ ވީޑިއޯއާއެކު ދައުރުވަމުން އަންނަ މެސެޖުގައި ބުނެފައިވަނީ ކޮވިޑުގެ އަލާމާތްތައް ހުންނަ މާލޭގައި ދިރިއުޅޭ ބައެއް މީހުން ބަލި އިތުރަށް ފެތުރުމަށްޓަކައި މީހުން އެއްވެ އުޅޭ ތަންތަނަށާއި މީހުން ނިދާފަ ތިބޭ ވަގުތުތަކުގައި އެ ގޭގޭގެ ދޮރުގައާއި ފިހާރަތަކުގެ ދޮރުގެ އަތްގަނޑު ފަދަ ތަންތާނގައި ކުޅު ހާކަމުންދާ ކަމަށެވެ. އެކަން ކުރާ މީހުންގެ ސީސީޓީވީ ފުޓޭޖެއް ވަރަށް އަވަހަށް މީޑިއާތަކަށް ނެރޭނެ ކަމަށް ހަބަރު ލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ވީޑިއޯގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތައް ހުރުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ވަނީ އެ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ މީހެއް ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9361696 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.