ރިޕޯޓް

ދެވަނަ ރާޅެއްގެ ރަނގަބީލުގެ އަޑު ގަދަވެފައި! ލޮކްޑައުންގެ ހިތި ހަނދާން ނެތި ދިވެހީން މަޖާކުރުމުގައި

މުހައްމަދު ސިމާއު

ކޮވިޑް-19ގެ ހަގީގަތަށް ދިވެހިން ހޭލައްވައިލީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ބަލީގެ ފުރަތަމަ ކޭސް ފެނުމުންނެވެ. އެއަށްފަހު ކޮންމެ ދުވަހަކު ވެސް ރާއްޖެއިން ބަލި ޖެހިފައިވާ މީހުން ދިޔައީ ފެންނަމުންނެވެ. ކުލަސްޓާއަކަށްފަހު ކުލަސްޓާއެއް އުފެދި، ބޮޑުވަމުންދިޔަ އެވެ. އެއާއެކު އެބަލި މުޖުތަމައުގެ ތެރޭގައި ވަކިހިއްޕާލައިފައިވާ މިންވަރު ދެނެގަތުމަށް މުޅި މާލެ އެކީ ބަންދުކުރި އެވެ. ހުއްދައަކާ ނުލައި ބޭރަށް ވެސް ނުދެވުނެވެ. ކާބޯތަކެއްޗަށް ދަތިވި އެވެ. އާއިލާއާ ދުރުގައި އެތައް ބަޔަކު އެތައް ދުވަހަކު ތިބެން މަޖުބޫރުވި އެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން ބޯޑަރުތައް ވެސް ބަންދުކުރި އެވެ. ޓޫރިސްޓުން ނުގެނެވި، ރިސޯޓުތައް ފަޅުވި އެވެ. ގައުމުގެ އިގްތިސާދު ހަރަކާތް ހުސްވެ، ހުއްޓުނެވެ. އެއާއެކު ބަނގުރޫޓު ވަމުންދިޔަ ކުންފުނިތަކާއި ވިޔަފާރި ގެއްލި މަގުމަތިން ވަމުންދިޔަ މީހުންގެ ލިސްޓުވެސް ދިޔައީ ދިގުވަމުންނެވެ.

ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު، ލޮކްޑައުން އުވާލައި ބޯޑަރުތައް ހުޅުވާލީ އެ ނޫން ގޮތެއް ނެތިގެންނެވެ. ނަމަވެސް މާލެއަށް އިއުލާނުކުރި ލޮކްޑައުން އުވާލުމުގެ ކުރިން ސިއްހީ މާހިރުން ރައްޔިތުންގެ ކިބައިން އެތައް އާދޭހެއް ކުރި އެވެ. ލޮކްޑައުންގެ ހާލަތަކަށް ދާންޖެހުނު ސަބަބު ތަކުރާރުވިޔަ ނުދިނުމަށް އެދި އެވެ. ކަމާބެހޭ އިދާރާތަކާއި ޑޮކްޓަރުންގެ އަޑުއެހުމަށެވެ. ބަލި އަނެއްކާވެސް ފެތުރިގެން ގޮސްދާނެކަމުގެ އިންޒާރު ވެސް އޭރު ދިނެވެ.

ނަމަވެސް ލޮކްކުރި އުވައިލުމާ އެކު އެންމެން ގެއިން ނުކުމެގެން ދުއްވައިގަތީ އެވެ. މާލެތެރެ މިއަދު ފެންނަނީ ހަލަބޮލިކޮށެވެ. ފިނިބުރުތަކާއި ސަޅި ބައިސާ ކަނޑަން ނުކުމެ އެތައް ބައެކެވެ. ކެފޭތަކާއި ހޮޓާތައް ފުރިފަ އެވެ. ޕާކުތަކާއި މައިޒާންތަކުގައި ކުދިން ކުޅެ ނަގަނީ އެވެ. ދަތުރުތަކާއި އެއްވުންތައް ބާއްވަނީ ބިރަކާނުލަ އެވެ. ގައިދުރުކަން ގެއްލިއްޖެއެވެ. މާސްކު އަޅަނީ ނަމަކަށެވެ. ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ދުނިޔެ ގެނބެމުންދާއިރު އެކަމުގެ ބިރެއް ދިވެހިންގެ ނެތްފަދަ އެވެ. މީގެ ދެމަހެއްހައި ދުވަސް ކުރިން ދިވެހިން އުފުލި ބުރައިގެ މަތިން ހަނދާންހުރި މީހަކު މިއަދު ނުފެނެ އެވެ.

ލުއި ދިންތާ ދެ މަސް، ކޭސްތައް ދެ ގުނަ މައްޗަށް، ދެވަނަ ރާޅެއް ނަގަނީ!

ލޮކްޑައުން ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ފުރަތަމަ ނިންމީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. އޭރު މުޅި ޖުމްލަ އަދަދު ހުރީ 1547 ގަ އެވެ. އޭރު ރާއްޖެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. ނަމަވެސް ރާއްޖޭގައި ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގެ ދުވަސްތައް މިހާރު ގުނަމުން އަންނައިރު އިއްޔެގެ ނިޔަލަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 3506 އަށް އަރައިފަ އެވެ. އެއީ ދެ ގުނަ އިތުރު އަދަދެކެވެ.

ރާއްޖެ އޮތް ބިރުވެރި ހާލަތު ވަޒަން ކުރެވޭނީ މި މަހުގެ ތެރޭގައި ޕޮޒިޓިވްވަމުން އަންނަ އަދަދުންނެވެ. އެގޮތުން މިމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމްލަ އަދަދު ހުރީ 1954 ގަ އެވެ. އަދި މިވީ 29 ދުވަސް ތެރޭގައި އެ އަދަދު ވަނީ 3506 އަށް އުފުލިފަ އެވެ. މިއީ ގާތްގަނޑަކަށް 1500 އަށްވުރެ ގިނަ ކޭހުގެ އިތުރުވުމެކެވެ.

ޕޮޒިޓިވް ވާ މީހުންގެ އަދަދާއެކު އެވްރެޖްކޮށް ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ. ލޮކްޑައުނާއެކު، ދުވާލެއްގެ އެވަރެޖްކޮށް ޕޮޒިޓިވްވީ 20 އާއި 25 އާ ދެމެދުގެ އަދަދަކަށެވެ. ނަމަވެސް މި ދިޔަ ތިން ހަފްތާއަށް ބަލާނަމަ އެ އަދަދު އުޅެނީ 40 އާއި 60 އާ ދޭތެރެގަ އެވެ. އަދި ރާއްޖެއިން ބަލި ޖެހުނު ބަންގްލަދޭޝް މީހުންނަށްވުރެ ދިވެހިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ބަލާއިރު، އިއްޔެ ފެނުނު 137 ކޭސްއާއެކު ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތެރޭގައި 400 މީހުންނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 310 މީހުންނަކީ ދިވެހިންނެވެ. އެއީ ފާއިތުވި ހަފްތާގައި ފެނުނު ކޭސްތަކުގެ 67 ޕަސެންޓެވެ. ޕޮޒިޓިވްވަމުން އަންނަ ދިވެހިންގެ އަދަދު އިތުރުވާއިރު، ކުރީގެ ކޭސްތަކާ ގުޅުން ނެތް މީހުންގެ އަދަދުތައް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ޕޮޒިޓިވް ވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ އަދަދުވެސް އެވަރެޖަށްވުރެ އިތުރުވެފައިވާކަން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ފާހަގަކުރައްވަ އެވެ.

"ދިވެހިންގެ ތެރޭގައި ކޭސްތައް ގިނަވާ ވަރަކަށް ކުރިއަށްވުރެ އުމުރުން ދުވަސްވީ މީހުންނާއި ބައެއް ކަހަލަގެ ސިއްހީ ކަންޑިޝަންސް ހުންނަ މީހުން މިހާރު މީގަ އެބަ ހިމެނޭކަން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. އެހެންކަމުން މިފަދަ ފަރާތްތައް ހޮސްޕިޓަލުގައި މި އެޑްމިޓް ކުރެވެނީ. އަދި ހާލަތު ސީރިއަސް ނޫން ކަމުގައި ވިޔަސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރުވުމަކީ ނުރައްކަލެކެވެ. އެއާއެކު ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ މީހުންނާއި ބައްޔަށް އެންމެ ރިސްކު ބޮޑު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުން ބައްޔަށް ހުށަހެޅޭ އަދަދު އިތުރުވުމަކީ ކޮވިޑްގ އިތުރު މަރުތަކެއް ވެސް ފެނުން ދުރުގައި ނެތް ކަމެއް ނޫނެވެ. ކަން މިހެން އޮތްއިރު، ޑރ. ނަޒްލާ ވެސް ވިދާޅުވާ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކާއެކު، ރާއްޖޭގައި ވެސް މިހާރު ފެންނަމުން ދަނީ ދެވަނަ ރާޅެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމަށް ވާނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ. އެކަމަށް އެދޭ ދިވެހިން ވެސް މަދެއް ނޫނެވެ. ނަމަވެސް އެއީ އަނެއްކާވެސް ނިކަމެތި ކަމެއްގެ ފެށުމެކެވެ.

ދެވަނަ ރާޅަކާއެކު އަނެއްކާވެސް ކަރުތާ ފެނަށް ގޮސްދާނެ!

"ކޮވިޑް-19 ގާދޫކޮލުން އެތެރެ ވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގްތިސޯދު ކަރުތާފެނަށް ގަންބާލައިފި،"

މިއީ މިއަހަރުގެ މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވައި ރާއްޖޭގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސިފަކޮށްދެއްވި ގޮތެވެ. އެމަނިކުފާނު އެ ވިދާޅުވީ، މިނިވަން ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް ބަލީގެ ޖަރާސީމު ހަަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން ކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމެވެ. އެގޮތުން ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް ނުރައްކާތައް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެވާހަކަފުޅާ ވިދިގެން ދެން އެމަނިކުފާނު ދެއްވީ އުންމީދެވެ. މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެވެ. ނަމަވެސް ސަރުކާރާއި ހުރިހާ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެ އުންމީދު ހާސިލު ކުރެވޭނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެއަށް ލިބިގެންނެވެ. ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކުގައި މަސައްކަތް ކޮށްގެންނެވެ.

ތެދުފުޅެކެވެ. އެކަމެއް ސަރުކާރަކަށް ނޫނީ ރިސޯޓުތަކަށް އެކަނި ނުކުރެވޭނެ އެވެ. ގުދުރަތީ ގޮތުން ވަކިވެފައި އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރި ނަމަވެސް، މުޖުތަމައުގައި އިންތިހާއަށް ބަލި ފެތުރޭ ގައުމަކަށް އަންނަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ. އެކަމަށް ބައެއް ގައުމުތަކުން ވެސް ވިސްނާނެ އެވެ. އެހެންކަމުން ދެވަނަ ރާޅަކާއެކު ރާއްޖޭގެ އިގްތިސާދު ކަރުތާ ފެނަށް ދިއުމުގެ ކުރިން ވިސްނަންޖެހެ އެވެ. ކަންކަން ބޮއްސުންލައިގެން ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހެ އެވެ. އިކޮނޮމިކް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވާ ވާހަކައަކީ އެއީ އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ފަތުރުވެރިން ގެންނަން ގައުމުތަކާއެކު މަޝްވަރާތައް ކުރަމުން އަންނައިރު އެގައުމުތަކުން ބަލާ މިންގަނޑުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ މިންވަރާއި ބަލި އޮތް މިންވަރު އަދި އަމަލުކުރާ ގޮތްފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާ ވަރަކަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ އިސްތިހާރު ވެގެންދާނެ އެވެ.

"ވަރަށް މުހިންމު އާންމު ދިރިއުޅުން ފަށައިގެންދާއިރުގައި މިއަދަކީ އާންމު ދިރިއުޅުން ނޫންކަން ހުރިހާ ރައްޔިތުން ބަލައިގަނެގެން، މިސާލަކަށް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ވީހާވެސް ވަރަކަށް މަސައްކަތް ކޮށްދެއްވުމުން. އެއީ މި ހުރިހާ ކަމަކީ ހުރިހާ ގައުމަކުން މޮނީޓާކޮށް ބަލާ ކަންކަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މި ވަގުތު ހުރިހާ ދިވެހީންވެސް ސަމާލުކަން ދޭންވީ ގައުމު ސަލާމަތް ކުރުމަށެވެ. ސަރުކާރުން މަޖުބޫރުކޮށްގެން ރައްޔިތުން ބަނދެގެން، ތަޅު އަޅުވައިގެން މިކަމެއް ނުވާނެ އެވެ. ގޭބަންދުގައި ރައްޔިތުން ބައިތިއްބައިގެންވެސް މިކަމެއް ނުވާނެ އެވެ. މިކަމުގައި އޮތް ހައްލަކީ، އަހަރެމެން ރައްޔިތުން އަހަރެމެންގެ ޒިންމާ އަދާކުރުމެވެ. ގައުމު އަމާން އައްސޭރިޔަކަށް ގެންދިއުމަކީ ވަކި ބައެއްގެ ޒިންމާއެއް ނޫނެވެ. އެއީ ދިވެހީންން ވީތީ އަހަރެމެންގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ގައުމީ ވާޖިބެކެވެ. އެކަން ކުރުމަށް ބޭނުންވަނީ ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރާ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. އެ ޒިންމާ އަހަރެމެން ކޮންމެ މީހަކު އެންމެ ފުރިހަމަ ގޮތުގައި ނަގައިފި ނަމަ މި ގައުމުން ކޮވިޑުގެ ވަސް ފިލުވައިލާން ގިނަ ދުވަހެއް ނުނަގާނެ އެވެ.