އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅު ޖެހި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށެވެ. މި އަމަލު ކުށްވެރިކޮށް މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މިރޭގެ މުޒާހަރާގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިޔަކު ކުޅުޖަހާފައިވާ ކަމަށެވެ. ރާއްޖެ އޮތީ ކޮވިޑް ޕެންޑެމިކެއްގެ ތެރޭގައި ކަމަށާއި މިއަދުވެސް ރެކޯޑް އަދަދަކަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ނާތަހުޒީބު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިކަން ތަހުގީގު ކުރާނަން،" ސީޕީ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި މިރޭ މުޒާހަރާ ފަށާފައިވަނީ ޗާންދަނީ މަގާއި މަޖީދީމަގު ޖަންގްޝަނުންނެވެ. މިރޭގެ މުޒާހަރާގައި އިދިކޮޅު ބައެއް އިސްވެރިންވެސް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ.

މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މަޖީދީމަގާއި ސޯސަން މަގު ގުޅުނު ކަންމަތިންނެވެ. ފުލުހުން މުޒާހަރާ ރޫޅާލާފައިވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްގެނެވެ.