ޕެޕާ ސްޕްރޭ ޖަހައި އިދިކޮޅު މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.
ސަރުކާރު އިސްތިއުފާދިނުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ މުޒާހަރާ ފަށާފައިވަނީ ޗާންދަނީ މަގާއި މަޖީދީމަގު ޖަންގްޝަނުންނެވެ. މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މަޖީދީމަގާއި ސޯސަން މަގު ގުޅުނު ކަންމަތިންނެވެ.
ފުލުހުން ވަނީ މިރޭގެ މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދަށް އަނިޔާވެ، މިވަގުތު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މިރޭގެ މުޒާހަރާގައި އިދިކޮޅު ބައެއް އިސްވެރިންވެސް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ.
އިދިކޮޅު މުޒާހަރާ ނިންމާލާފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. މުޒާހަރާ ނިންމާލުމުގެ ގޮތުން ބައިވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މާދަމާ ރޭވެސް މުޒާހަރާ އޮންނާނެ ކަމަށާއި މުޒާހަރާ ފެށޭނީ މާދަމާ ރޭ 8:30 ގައި މަޖީދީމަގުން ކަމަށެވެ. އެހެން ނަމަވެސް މާދަމާ ރޭ އެހެން ތަނަކަށްވެސް އެއްވާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު