ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން، އަސަރުކޮށް އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ މީޑިއާ ކޯޑިނޭޓަރު ހީނާ ވަލީދު "ވަން" އަށް ވިދާޅުވީ ސައީދުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޭވާލާން އުނދަގޫވެގެން، ވެއްޓުމުގެ ސަބަބުން މިހާރު އޭޑީކޭއަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި އޭނާގެ ހާލު ސާފެއް ނުވެއެވެ.
ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޗާންދަނީ ޖަންގްޝަންގައި މުޒާހަރާ ފަށާފައިވަނީ މިރޭ 8:30 ހާއިރެވެ.
މުޒާހަރާގެ ބައިވެރިން ތިބީ ސަރުކާރާ ދެކޮޅު ލިޔުންތައް ލިޔެފައިވާ ބޯޑުތަކެއް ވެސް ހިފައިގެންނެވެ. އަދި މުޒާހަރާގެ ބައިވެރިން ދިޔައީ އަޑުގަދަ ކުރާއިން އެކި ޝުއޫރު ފާޅުކުރަމުންނެވެ.
އެގޮތުން އެއްވުމުގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ސަރުކާރު ފެއިލް ވެއްޖެ ކަމަށް ގޮވާލައި، ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުންދާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފައެވެ. މުޒާހަރާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު