ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ކަމަށާއި އޭނާއަކީ ދެބައި އުމުރުގެ މީހެއް ކަމަށެވެ. އޭނާ މާލެއިން ރަށަށް ދިޔައީ މީގެ ދެ ދުވަހެއް ކުރިން ކަމަށާއި ނަމަވެސް މާލޭގައި އޭނަ ހޭދަކުރީ ކިތައް ދުވަސް ކަން ބުނަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ޕޮޒިޓިވްކަން އެނގުނީ ހުން އައިސް ރޯގާ ޖެހިގެން ޓެސްޓު ހެދުމުން ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް ފުރަތަމަ ސާމްޕަލް ނެގެޓިވްވި އިރު، އެކަން ޔަގީންކުރަން ނެގި ދެވަނަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

އައިމިނަތު އިސްމާއިލް ވިދާޅުވީ، ޕޮޒިޓިވް ވި މީހާ މިހާރު ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށާއި ނަމަވެސް އޭނާއާ ކޮންޓެކްޓް ވެފައިވަނީ ކިހާ އަދަދެއްގެ މީހުން ކަން ބުނަން ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.

އައިމިނަތު އިތުރަށް ވިދާޅުވީ، މި ކޭހާ ގުޅިގެން އެޗްޕީއޭއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލުން އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް ރަށް އަދި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިނުވާ ކަމަށް ވިދަޅުވި އެވެ.