ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން އެކެއްގެ ފައިނަލަށް ހދ. ނައިވާދުއާއި ހއ. މާރަންދޫ ދަތުރު ކޮށްފިއެވެ.
އެއާއެކު އެ ދެޓީމަށްވެސް ގަދަ 16 ޔަގީންވެފައިވާ އިރު، މިއީ މާރަންދޫއަށް ތާރީހީ ކާމިޔާބީއެކެވެ. މާރަންދޫން މުޅިން އަލަށް އަތޮޅު ތަށި ހޯދައި، ތާރީހު ލިޔެލާފައިވާ އިރު، އެޓީމަށް ރޭ ގަދަ 16 ޔަގީންވީ ހދ. ނޮޅިވަރަންފަރަށް ހއ. ކެލާ ބަލި ނުކުރެވުމުންނެވެ.
އެ ޒޯންގެ ފަހު މެޗުތަކަށް ރޭ ނުކުތް އިރު، ކަޓާފައި އޮތީ ކެލާ އެކަންޏެވެ. ނައިވާދޫއާއި ނޮޅިވަރަންފަރަށް އަމިއްލަ ބާރު އޮތް އިރު، ނޮޅިވަރަން ފަރަށް އޮތީ ކެލާ ބަލިކުރުމެވެ. އަދި މާރަންދޫއަށް ގަދަ 16 އަށް ދެވެން އޮތީ ނޮޅިވަރަންފަރުގެ ނަތީޖާއަށް ބަލައިގެންނެވެ. ނޮޅިވަރަންފަރުން ކެލަޔާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ޒޯން ބުރުގެ ދެވަނަ މާރަންދޫއަށް ލިބުނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ.
އެ ޒޯންގެ އެއްވަނަ ހޯދީ ނައިވާދޫއެެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
ނޮޅިވަރަންފަރާއި ކެލާ ވާދަކުރި މެޗުގައި ނޮޅިވަރަންފަރުގެ ގޯލް ޖަހައިދިނީ އަހުމަދު ސިޒާނެވެ. ކެލާގެ ގޯލް ޖެހީ ކީޕަރު އަބްދުﷲ ޒިމާމެވެ.
މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ނައިވާދޫން ގަދަ 16 ޔަގީންކުރީ މާރަންދޫ ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގައި ނައިވާދޫގެ ގޯލްތައް ޖެހީ އަބްދުﷲ ވިސާމެވެ. އޭނާ ދެ ގޯލް ޖެހި އިރު، އަނެއް ގޯލަކީ މާރަންދޫގެ ހުމައިދު ހުސައިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާރަންދޫގެ ގޯލް ޖެހީ ލޫތު ހުސައިނެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނައިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ގާފަރު - އޭދަފުށި (ޒޯން 3 ފައިނަލް)
20:00 ކުޑަހުވަދޫ - ދިއްގަރު (ޒޯން 5 ފައިނަލް)
22:00 ވިލިމާލެ - މައްޗަންގޮޅި (ޒޯން 8 ފައިނަލް)
22:00 ތިމަރަފުށި - އިސްދޫ (ޒޯން 6 ފައިނަލް)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް