20 ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ތިމާވެށިދުވަހު އިފްތިތާހުކުރި، ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރުމަށް އުމްރާނީ ވަސީލަތް ތަރައްގީ ކުރުމަށް ހާއްސަ ސަމާލުކަމެއް މި މަޝްރޫއުގެ ދަށުން ދެވިގެންދާނެކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ހިލޭ އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި ކަމަށެވެ.

މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން މި އަހަރުގެ އަމާޒަކަށް ވެފައިވަނީ އިތުރު އެއް މިލިއަން ގަސް އިންދުމެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްގީކުރުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވައި، މި މަސައްކަތުގެ ފުރަތަމަ ބުރުގައި 10 ރަށަކާ އެކީ ވަނީ ސޮއިކޮށްފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށް:

  • ހއ. ކެލާ
  • ށ. މިލަންދޫ
  • ނ. ކެނދިކުޅުދޫ
  • ރ. އިންނަމާދޫ
  • ބ. މާޅޮސް
  • އއ. މަތިވެރި
  • މ. މުލައް
  • ތ. ކިނބިދޫ
  • ގއ. ދާންދޫ
  • ގދ. ތިނަދޫ ސިޓީ