ޓޫރިޒަމް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ނޫނީ ލިވަބޯޑްތަކަށް ޓޫރިސްޓުން ނޭރުވުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން އިލްތިމާސްކޮށްފިއެވެ.
އެންބީއޭއެމްއިން ބުނީ، ސަފާރީތަކާއި ޓޫރިސްޓު އުޅަނދުތަކުގެ ހިދުމަތް އަލުން ފަށާއިރު، ޓޫރިޒަމް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގާފައިވާކަން އެ އުޅަނދުގެ ވެރިން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިން ގޮވައިގެން ދަތުރުކުރުމުގެ ކުރިން އެ ފަތުރުވެރިންގެ ހެލްތު ޑިކްލަރޭޝަން ފޯމު އޮތްތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށްވެސް އެންބީއޭއެމްއިން ބުނެއެވެ. އެ އުޅަނދަކީ ލައިސަންސް އޮތް އުޅަނދަކަށް ވުމާއެކު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޓެކްސް ފައިދާ ދައްކާ އުޅަނދަކަށް ވާން ޖެހޭނެ ކަމަށާއި، އުޅަނދުގައި ސިއްހީ އަދި ސަލާމަތީ އާލާތްތައް ހުންނަން ޖެހޭނެ ކަމަށްވެސް އެންބީއޭއެމްއިން ބުނެއެވެ.
އެންބީއޭއެމްއިން ވަނީ މިރާއިން ޓެކްސް ކްލިއަރެންސަށް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށާއި އެހެންކަމުން ދުރާލައި ޓެސްކްސް ކްލިއަރެންސްގެ ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ބޯޑަރުތައް ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށް ފަހު ބޯޑަރުތައް ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ފަތުރުވެރިން ރާއްޖެ ގެންނަން ފެށިއިރު، އަމަލު ކުރަން ޖެހޭނެ ހާއްސަ ގައިޑްލައިންތަކެއް މިހާރު ވަނީ ހަދައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި