އޯޕަންއޭއައި އިން ޗެޓްޖީޕީޓީއަށް ޖީޕީޓީ-6 މޮޑެލް ތައާރަފުކޮށް، އިންޓަރެކްޓިވް އަދި ކުރެހުންތައް ހިމެނޭ ގޮތަށް ޖަވާބުދޭ "އިންޓެލިޖެންޓް ޔޫއައި" އެއް އިއްޔެ އިއުލާންކޮށްފިއެވެ.
އޯޕަންއޭއައި އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އާ ޔޫޒަރ އިންޓަފޭސްގެ ސަބަބުން، ޔޫޒަރުން ކުރާ ސުވާލަށް ބިނާކޮށް ލިޔުމާއި، ކުރެހުންތަކާއި، އިންޓަރެކްޓިވް ބައިތައް އެއްކޮށްލައިގެން ޖަވާބު ދެވޭނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މީގެ ފަހުން ޗެޓްޖީޕީޓީގެ ޖަވާބުތަކުގައި ގްރެފިކްސް، ފިތްތައް، ފޯމުތައް، ޗާޓުތައް އަދި އިންޓަރެކްޓިވް ވިޖެޓްތައް ހިމެނޭނެއެވެ. މިގޮތުން، ކަލްކިއުލޭޓަރާއި، ބިލް ބަހާނެ ގޮތާއި، ކުދި ގޭމުތައް ފަދަ ޓޫލްތައް ޗެޓްގެ ތެރެއިން އުފެއްދުމަށް ޗެޓްޖީޕީޓީއަށް އެންގިދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މި ބަދަލުތައް އިއްޔެއިން ފެށިގެން ޗެޓްޖީޕީޓީ ޕްލަސް، ޕްރޯ، ބިޒްނަސް އަދި އެންޓަޕްރައިޒް ޔޫޒަރުންނަށް ވަނީ ލިބެން ފަށާފައެވެ. މި ޓިއަރތަކަށް ލިބޭނީ "ޖީޕީޓީ-6 ސޯލް" މޮޑެލްއެވެ. އަދި މިއަދުން ފެށިގެން ހިލޭ ބޭނުންކުރާ ޔޫޒަރުންނާއި ގޯ ޓިއަރގެ ޔޫޒަރުންނަށް "ޖީޕީޓީ-6 ލޫނާ" މޮޑެލް ލިބެން ފަށާނެ ކަމަށް އޯޕަންއޭއައި އިން ބުނެފައިވެއެވެ.
އޯޕަންއޭއައި އިން ހާމަކުރި ގޮތުގައި، މި އާ އިންޓަފޭސް މަސައްކަތްކުރަނީ މޮޑެލް އިން ޖަވާބު އުފައްދަމުން އަންނަ ވަގުތު އިންޓަފޭސް ޕްރޮސެސްކުރާ ކޮމްޕައިލަރެއް މެދުވެރިކޮށެވެ. މީގެ އިތުރުން، ޖީޕީޓީ-6 އަށް ވިސްނަމުން އަންނަ ވަގުތުވެސް ޖަވާބުދޭން ފެށޭނެ ކަމަށާއި، ވެބް ސަރޗް ކުރާން ޖެހޭ ސުވާލުތަކަށް ކުރީގެ ޖީޕީޓީ-5.6 އަށް ވުރެ އެވްރެޖްކޮށް 44 އިންސައްތަ އަވަހަށް ޖަވާބުދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި އާ ވިޝުއަލް އިންޓަފޭސްއަކީ ވަރަށް އެފިޝަންޓް އެއްޗަކަށް ވާނެ ކަމަށް އޯޕަންއޭއައި އިން ބުނި ނަމަވެސް، މީގެ ސަބަބުން ޔޫޒަރުންގެ ޓޯކަން ލިމިޓަށް އަންނާނެ ބަދަލެއްގެ ސީދާ ތަފާސްހިސާބުތައް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. މި އަޕްޑޭޓް މިވަގުތު ލިބެނީ ހަމައެކަނި ޗެޓް ޓެބްއިން ކަމަށާއި، ވޯކް އަދި ކޯޑެކްސް ޕްލެޓްފޯމްތަކުގައި ބޭނުންކުރާ މޮޑެލްތަކަށް ބަދަލެއް ނާންނާނެ ކަމަށް އޯޕަންއޭއައި އިން ވަނީ ބުނެފައެވެ.
ބޮލީވުޑް
އިންޑިއާ
ބޮލީވުޑް
އޭއައި
ކޮމެންޓް