ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ ޓޫރިސްޓް ވިސާގައި އައި އެމެރިކާގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ، ޕޮޒިޓިވްވި ޓޫރިސްޓުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށް ގެންދާ ކަމަށާއި އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އޭނާ އައިސޮލޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު ހަތަރު މަހެއްހާ ދުވަހު ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވައިލި ނަމަވެސް، މާލެ އަދިވެސް އޮތީ ލޮކްޑައުންގަ އެވެ. ލޮކްޑައުންގެ މުއްދަތުގައި މާލޭ ސަރަހައްދުން ފެންނަމުން ދިޔަ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު މިދިޔަ ހަފުތާއެއްހާ ދުވަސް ތެރޭ އެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ބަލި ޖެހޭ މީހުންގެ އަދަދު ހިފެހެއްޓިފައި ހުރީ 40 އާއި 77 އާ ދެމެދުގަ އެވެ. ފްލޫ ކުލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން ގިނަ ވެފައި ވާއިރު، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭން ވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފަ އެވެ.

އެހެން ކަމުން ފަރުދީ ޒިންމާ ފުރިހަމަޔަށް އަދާކޮށް ޒަރޫރީ ބޭނުމުގައި ނޫނީ ބޭރުގައި ނޫޅުމަށާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިހާ ވަގުތެއްގައި ވެސް އަޅައިގެން ތިބުމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.