ދިވެހިރާއްޖޭގެ ތާރީޚު

މިހުރާބުގޭ ފެންޑާމަތިން އަޅުވެތިކަމާއި މިނިވަންކަން 1

މުހައްމަދު ނާޖިހު

1

ތަނަކީ މިހުރާބުގޭ އިރުމަތީ ފެންޑާއެވެ. ފެންޑާގެ އުތުރު ފަޅީގައި ހުރި އުނދޯލީގައި އިށީނދެވަޑައިގެން އިންނެވީ އެގޭ ހުސައިން ދީދިއެވެ. ފާރާ ދިމާޔަށް ހުރި އަދަރާދަގޮނޑިއެއްގައި މެދުމިސްކިތްގޭ މުހައްމައިދި އިންނެވިއެވެ. ކުރިމަތީގައި ވަތްކޮށްފައި ހުރި ފަތްސިލުނބުކޮޅެއް ހުއްޓެވެ. ފަތްސިލުނބުކޮޅު ހިއްޕަވަމުން ދެބޭފުޅުން ގެންދެވީ ވަރަށް އޮލަ ވާހަކައެއް ދައްކަވަމުންނެވެ. އެވަގުތު ބޭރުން މެހެމާނަކު ދުރުވެއްޖެއެވެ. ދުރުވި ބޭކަލަކީ ހަރިންމަތެރޭގޭ ނާއިބު ތަކުރުފާނެވެ.

ނާއިބު ތަކުރުފާނު: އައްސަލާމުއަލައިކުމް

ހުސައިންދީދި: ވައަލައިކުމުއްސަލާމް! ނާއިބު ތަކުރުފާނު މި ދެތިން ދުވަހު މިގޭދޮށަށް ބޯވެސް ދިއްކޮށްނުލީމާ ގޮވާލަން ނުދެވިފާ މިހުންނަނީވެސް! ކޮން ހާލެއްތޯ؟

ނާއިބު ތަކުރުފާނު: އާދެ! މި ދެތިން ދުވަހު ކުޑައިކޮށް ބަލިކޮށް މިއުޅުނީ! މާތްކަލާނގެ ހެޔޮރަހުމަތުން މިހާރު ރަނގަޅު. ހުސެންދިގެ ހާލުކޮޅު ކިހިނެއްތޯ؟ މުހައްމައިދިވެސް އެބައިންނެވިން ދެއްތޯ؟

ހުސައިންދީދި: މާތްކަލާނގެ އިރާދަފުޅުން ހާލު ރަނގަޅު!

މުހައްމައިދި: އާދެ! އާދެ! އަޅުގަނޑުވެސް އެބަ އިނިން. ހަރިންމަތެރޭގެއަށް އިއްޔެ ވަދެލިން. ނާއިބު ތަކުރުފާނު ނިދިކުރައްވާފައޭ ދަލޭކާފުޅު ބުނީ. ބަލި ވާހަކައެއް ނުބުނޭ. ދަލޭކާފުޅަށް ބަލިވާ ވަރަށް ބަލިނުވީ ތޯއްޗެއް. ހެހެހެ

ނާއިބު ތަކުރުފާނު: އެހެން، އެހެން، ދަލޭކާފުޅަށް އަޅުގަނޑު ބަލިވިކަމަށްވާނީ އައިސީޔޫގާ ބާއްވާވަރުވީމާ! ދެން އެކުން އަދު މިހާވަރަކުން މިގެއަށް މި ވަދެލީ ހުސެންދިއާ ކުޑަ ބަހުސެއް ކޮށްލާންކަމަށް. މުހައްމައިދިވެސް ވަޑައިގެން އިންނެވި ކަމީ އިތުރު މޮޅެއް.

ހުސައިންދީދި: އަނެއްކާ ކޮން ކަހަލަ ބަހުސެއްބާ؟ އެހެރަ ދިގުގޮނޑި ތަންކޮޅެއް މިއަތަށް ޖައްސަވާލައްވާފައި އިށީންނަވާ! ކައްދައިދީ! ކައްދައިދީ!

އެވަގުތު ގޭގެ އެފަރާތުން ކައްދައިދި އާދޭހޭ ދެންނެވިއެވެ.

ހުސައިންދީދި: ކައްދައިދި! މިބޭފުޅުންނަށް ސައިފޮދެއް ތައްޔާރުކޮށްލަބަލަ!

ކައްދައިދި އާދޭހޭ ދެންނެވި އަޑު އިވުނެވެ.

ނާއިބު ތަކުރުފާނު: އަޅުގަނޑު ބަހުސެކޭ ދެންނެވިއެއް ކަމަކުން މާބޮޑު ބަހުސެއް ނޫން. މިއީ ދެން މިނިވަންކަމޭ ކިޔަމުން އަންނަ ދުވަސްވަރެއްތާ. މިދުވަސްވަރު ޓީވީ ރެޑިއޯތަކުން އިވެމުން މިދާ އަޑުއަޑަށް ބަލާއިރު ސުވާލު އުފެދޭ ލައްކަ ވާހަކަ އެބައިވޭ. ހުސެންދިމެންނަކީ މިކަންކަން ބައްލަވައި ހޯއްދަވަން އުޅުއްވި ބޭބޭފުޅުންވީމާ އަޅުގަނޑަށް ނޭނގޭ ލައްކަ ވާހަކައެއް އަޑުއިވިފައި ހުންނާނެތީ އެކަމާ ވާހަކަދައްކާލަން ކަމަށް. އަޅުވެތިކަމޭ މިނިވަންކަމޭ ކިޔާތީ އަޅުގަނޑު އެންމެ ފުރަތަމަ އަހާލަން ބޭނުންވަނީ މިނިވަންކަމަކީ މީ ކޮބައިތޯއޭ؟

ހުސައިންދީދި: ތަކުރުފާނާ މިނިވަންކަމަކީ ވަރަށްވެސް ފުޅާކޮށް މާނަކުރެވިދާނޭ ލަފުޒެއް. އެކި ޒަމާނުގައި އެކި ގޮތަށް މާނަކުރެވިދާނެ ލަފުޒެއް. އަދި އެކި މީހުން ގާތު އެކި ގޮތަށް މާނަކުރެވިދާނެ ލަފުޒެއް. ކުރުކޮށް ފަސޭހައި ޖަވާބެއް ދެންޏާ ދެންނެވޭނީ މިނިވަންކަމަކީ އަޅުވެތިކަމުގެ އިދިކޮޅޭ. ގައުމެއް މިނިވަންވުމާއި ގައުމެއްގެ ރައްޔިތުންތަކެއް މިނިވަންވުމާއި މިއީވެސް ތަފާތު ދެކަމެއް. ގައުމެއް މިނިވަންވެފައި އެގައުމުގެ ރައްޔިތުން މިނިވަން ނުވެވެސް ތިބެދާނެ. އަދި ގައުމެއް އަޅުވެތިވެފައި އެގައުމެއްގެ ރައްޔިތުން މިނިވަންވެފައިވެސް ތިބެދާނެ. އަޅުގަނޑު ދެކޭ ގޮތުގައި މިނިވަންކަމަކީ އަޅުވެތިކަމެއް ބަންދެއް ނެތް، ގާނޫނީ އަދި ސިޔާސީ ހައްގުތައް ކަށަވަރުވެ ލިބިގެންވާ، އެމީހަކު ބޭނުން ގޮތަކަށް ބޭނުން ޚިޔާލެއް ފާޅުކޮށް އުޅެވުން. އެމީހަކަށް އެމީހަކު ބޭނުންވި ގޮތަކަށް އުފަލުގައި އުޅެވުން. މިހެން ނަންގަތެއް ކަމަކު އެކަމުގައިވެސް ހައްދެއް އޮންނަންވާނެ. އެމިނިވަންކަމަކީ އަނެކާގެ މިނިވަންކަން ނަގާލާ ކަމަކަށް ވެގެންނުވާނެ އަދި މުޖުތަމައު ފިތުނަވެރިކުރުވާ ކަމަކަށްވެގެން ނުވާނެ. އަޅުގަނޑުމެން އެންމެން މިއުޅެނީ މުޖުތަމައެއްގެ ތެރޭގައި. ވަކިވަކީން އެކަހެރިކޮށެއް ނޫން. އެހެންވީމާ މިނިވަން ވާންޖެހޭނީ މިނަންގަތް ކަންކަމަށް ރިއާޔަތްކުރުމާއެކު.

މުހައްމައިދި: ހުސެންދި އެވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް. ދެން އަޅުގަނޑު ގަބޫލުކުރާ މިނިވަންކަމުގެ ވާހަކަ ދަންނަވާލާނަން. އަޅުގަނޑު ގަބޫލުކުރާ މިނިވަންކަމަކީ އެމީހެއްގެ ނަފްސާއި ދީނާއި ވިސްނުމާއި ފިކުރާއި އަހުލުންނާއި މުދަލަށް އަމާންކަމާއި ރައްކާތެރިކަން ލިބިފައި އޮތުން.

ނާއިބު ތަކުރުފާނު: ތިއީ މިނިވަންކަން ކަމުގައި ވާނަމަ ބައެއް ފަހަރު އަޅުގަނޑުމެންނަށް ތިފަދަ މިނިވަންކަމެއް ލިބިފައި އެބައޮތްތޯއޭވެސް ސުވާލުކުރެވޭ. ކޮންމެއަކަސް ދިވެހިރާއްޖެ ބައެއްގެ އަޅުވެތިކަމުން މިންޖުވެ ސަލާމަތްވީ ވާހަކަ ދެކެވެމުންދާއިރު ދިވެހީން އެއްވެސް އިރެއްގައި ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތްބާއޭވެސް ހިތަށް އަރާ. ކުރިން އަޅުގަނޑު ދެންނެވި ފަދައިން ޓީވީ ރޭޑިޔޯތަކުން އިވެނީ އެހެން ކިޔާ އަޑު. މުހައްމައިދި އެކަމާބެހޭ ގޮތުން ވިދާޅުވަނީ ކީކޭތޯ؟

މުހައްމައިދި: ނާއިބުތަކުރުފާނު ތި ބުނުއްވި ފަދައިން އަޅުވަތިކަމަކުން މިނިވަންވީ ވާހަކައެއް ދެކެވޭ. ޚާއްސަކޮށް މި ޖުލައިން 26 ގުޅިގެން މިއަންނަ ދުވަސްތަކުގަ. ދެން ދިވެހިން އަޅުވެތިވިތޯ ނުވޭތޯއޭ ކުރެވޭ ސުވާލަށް ދިޔުމުގެ ކުރިން ދިވެހިރާއްޖޭގެ މާޒީގައި ވޭތުވެގެން ދިޔަ ތާރީޚުގެ މައްޗަށް ބަލާލަން އެބަޖެހޭ. ތާރީޚު ދިރާސާކުރައްވާ އެކިއެކި ބޭބޭފުޅުންގެ ތަފާތު އެކިއެކި ހޯދުންތަކުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ ތިންހާސް ހަތަރުހާސް އަހަރުވެދާނެޔޭ އެބަ ބުނެވޭ. އެހެންނަމަވެސް އެ ދިގު ތާރީޚު ވާހަކަ އެނގޭނެ ފަދަ ލިޔެކިޔުންތަކެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ނުވާތީ އެ ޒަމާންތަކުގައި ހިނގާފައިވާ ކަންކަމާމެދު މާބޮޑު އެއްޗެއް ދަންނަވާކަށް ނޭނގޭ. އެހެންނަމަވެސް އެނގޭ ކަމަކީ ދިވެހީންނަކީ ވަރަށް ބޯދާ ނަސްލެއްކަމާއި މިރާއްޖޭގައި އޮތީ މުސްކުޅި ސިވިލައިޒޭޝަނެއްކަން. އެގޮތުން ބަލާކަމަށްވަންޏާ ދިވެހިރާއްޖޭގެ ތާރީޚުގެ ތެރޭގައި މިނިވަންކަމާއި އަޅުވެތިކަމުގެ ހާދިސާތައް ހިނގާފައި ހުރުން އެކަށީގެންވޭ. އަޅުގަނޑުމެންނަށް އެންމެ ދުރަށް އެނގެން އޮތް އެންމެ ދުރު ހާދިސާއަކީ މީލާދީން ނުވަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅުގައި ނުވަތަ އެއްހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި އިންޑިޔާ ބައްރުގެ ދެކުނު ސަރަހައްދުގައި އޮތް ބޮޑު އަންބަރާތޫރީ ވެރިކަމެއް ކަމަށްވާ ޗޯޅާއިންގެ މީހުން ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖެއިން ބައެއް ހިފައިގެން އަޅުވެތިކޮށްގެން އުޅުނު އުޅުން. އެހެންނޫންތޯ ހުސެންދި.

ހުސައިންދީދި: އާދެ، މުހައްމައިދި ތި ވިދާޅުވި ފަދައިން ޗޯޅާއިން ދިވެހިރާއްޖޭގެ ތިލަދުންމަތީގެ އަތޮޅުތައް ހިފައިގެން އުޅުނު. އެކަން އެމީހުންގެ ރެކޯޑުތަކުން އެނގެން އެބައޮތް. ދިވެހިރާއްޖެ ހިފުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް އެމީހުން ދުށް. ސަބަބަކީ ދިވެހިރާއްޖޭގެ އަތޮޅުތައް އެތުރިފައި އޮތް ގޮތުން ބޭރުގެ އެއްވެސް ބަޔަކަށް ދިވެހިރާއްޖެ ހިފުމަކީ ވަރަށް ދަތިކަމަކަށްވެފައި އޮތީ. ދިވެހިރާއްޖެ މިނިވަންކަންމަތީ ދެމިގެން އައި އައުމުގެވެސް އެންމެ ބޮޑު ސަބަބަކީވެސް އެއީ. މި ނަންގަތް ޗޯޅާއިންގެ މީހުން ރާއްޖެ ހިފުމުން އެމީހުންގެ ވެރިޔަކަށް ހުންނެވި ރާޖާރާޖާ ދަގްރޭޓޭ ކިޔުނު ރާޖާ އޭނާ ބިނާކުރި ފައްޅީގައިވެސް އެވާހަކަ ކަނޑައިނެގި ވާހަކަ އޮވޭ.

މުހައްމައިދި: އާދެ، ތިޔަ ވާހަކައެއް ތާރީޚުގެ ފޮތްފޮތުންވެސް ފެނޭ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން މަލިކުގެ އުތުރަށް އެހެރަ ލަކްޝަދީބުގެ ރަށްތަކަކީވެސް އިހުގައި ދިވެހި ރަށްތަކެއް. އެރަށްތައް ރާއްޖެއަށް ގެއްލުނީވެސް އެދުވަސްވަރު. އޭރު އެރަށްތަކުގައި މީހުން އާބާދުވެފައިނުވާތީ ފަހުން ދެކުނު އިންޑިޔާގެ މީހުން އާބާދުވެ ދިވެހިކަން ކެނޑިގެން ދިޔައީ. ކޮންމެއަކަސް ރާއްޖެއިން ބައެއް ނަމަވެސް އޭރު އޮތީ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށުގައި. ބުނެވޭ ގޮތުގައި އެގޮތުގައި ސަތޭކަ އަހަރުވާންދެން ދެމި އޮތް. އެެހެން އޮއްވާ ރާއްޖެ އަލުން އެއްގައުމެއްގެ ގޮތުގައި ހެއްދެވީ އޭރު ދިވެހިރާއްޖޭގައި ރަސްކަންކުރައްވަމުން ގެންދެވި ތީމުގޭ ދަރިކޮޅުގެ މަހާބާރަނަ މަހާރަދުންނޭ ކިޔުނު ރަސްކަލެއް. މިކަމަށް ލޯމާފާނުން ހެކިލިބޭ. އެކަމަކު މި ދުވަސްވަރަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ދުވަސްވަރެއް. އޭރު ދިވެހީންގެ ދީނަކީ ބުދުދީން. ދިވެހިރާއްޖެ އިސްލާމީ ގައުމަކަށްވީ 1153 ވަނަ އަހަރުގެ ތެރޭގައި އޭރު ހުންނެވި ތީމުގޭ ދަރިކޮޅުގެ ރަސްގެފާނު ތަބްރޭޒުގެފާނުންގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެންނެވި ހިސާބުން.

ހުސައިންދީދި: މިހާރު ބަހުސްގެ ތެރެއަށް ތަބްރޭޒުގެފާނުންގެ ވާހަކަ ވެއްދެވީ ދެއްތޯ؟ ނާއިބު ތަކުރުފާނު އެއައްސަވަނީ މިނިވަންދުވަހާ ގުޅޭ ވާހަކަތައް. އިސްލާމްވި ދުވަހާ ގުޅޭ ވާހަކަތަކެއް ނޫން. ތީ މުޅީން އެހެން ބަހުސެއް. ތިހެން އަދި ތަބްރޭޒީގެފާނޭ ވިދާޅުވިއެއްކަމަކު ބަރްބަރީ ކަމަށް ހެކި ލިބޭނެ ކިތަންމެ ކަމެއް އެބަހުރި. އެވާހަކަ ބާއްވާ. އެކަމާ ބަހުސްކުރާނީ އެހެން ދުވަހަކުން.

މުހައްމައިދި: އަޅުގަނޑަށް އެނގެޔޭ އަޅުގަނޑު ތަބްރޭޒީއޭ ދަންނަވާއިރަށް ހުސެންދި ތިހެން ވިދާޅުވާނެކަން. އެބަހުސަކީވެސް އެއް ދުވަހަކު މިހެން ތިބެގެން ކޮށްލަން ރަނގަޅު ބަހުސެއް.

ނާއިބު ތަކުރުފާނު: އާދެ، އާދެ، ތީވެސް ވަރަށް ޝައުގުވެރި ބަހުސަކަށްވާނެ. ހުސެންދީ އެ ޗޯޅާއިންގެ ފަރާތުން މިނިވަންވެ ދިވެހީން އެމިނިވަންކަންމަތީ ކިހާ ދުވަހެއް ވާންދެން ތިބިތޯ؟

ހުސައިންދީދި: ލައްކަ ދުވަހު ތިބި. ގާތްގަނޑަކަށް ނަންގަންނަންޏާ ފަސްސަތޭކައެއްހާ އަހަރު ދިވެހީން އެމިނިވަންކަންމަތީ ހޭދަކުރި. ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއެރީ ދިވެހިރާއްޖޭގެ އެތެރޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން. އޭރު ރާއްޖޭގައި ރަސްކަންކުރައްވަމުން ގެންދެވީ މަޝްހޫރު ހިލާލީ ދަރިކޮޅުން. ހިލާލީ ދަރިކޮޅުގެ ރަސްކަމަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ސިޔާސީ ހަމަނުޖެހުން އޮތް ދުވަސްވަރު. ވާހަކާގައިވެސް ކިޔައެއްނޫންތޯ އެއްރޭ އެއްދުވާލުންވެސް ބާރަ ފަހަރަށް ރަސްކަން ބަދަލުވެގެންދާ ވާހަކަ.

މުހައްމައިދީ: ހުސެންދީ އަދި މަޑުކޮށްލައްވާ. ތިވާހަކައިގެ ކުރިޔަށް އިތުރުކޮށްލަންޖެހޭ ވާހަކައެއް އެބައޮތޭ. އެޔަކީ ތީގެ އަހަރުތަކެއް ކުރީން ހިލާލީ ދަރިކޮޅުގެ ރަސްކަލެއް ކަމަށްވާ އައްސުލްތާނު ޔޫސުފު ދެވަނައިގެ ދުވަސްވަރު ޗައިނާގެ މިންގް އަންބަރާތޫރު ކަނޑުމަތީ ސިފައިންގެ ވެރިޔަކަށް ހުންނެވި ޗެންގްހޯއޭ ކިޔުނު މީހަކު ބޮޑު އަރުމާދެއްގައި މިސަރަހައްދަށް އައިސް ސިލޯނުގެ ރަސްގެފާނު ހައްޔަރުކޮށްގެން ކޮއްޓަކަށް ލައިގެން ދިވެހިރާއްޖެއަށް އައިސް ރާއްޖޭގެ ރަސްގެފާނަށް ބިރުދައްކައި ޗައިނާއަށް ދިވެހިރާއްޖެއިން ޖިޒީދައްކާ ގައުމެއްގެ ގޮތުގައި ހަދައިގެން ރާއްޖެއިން ޗައިނާގެ އެމްޕަރަރއަށް ބައިވަރު ހަދިޔާ ގެންދިޔަ ވާހަކައެއް އެތާނގެ ތާރީޚުގައި އޮވޭ ނޫންތޯ؟

ހުސައިންދީދި: ތިވާހަކަ އޮވޭ. އެކަމަކު ދިވެހިރާއްޖޭގެ ތާރީޚުން މާ ރަނގަޅަކަށް ފިލާކަށް ނެތް. އަދި އެފަހުން ޗައިނާއަށް ޖިޒީއެއްގެ ގޮތުގައި އެއްޗެއް ފޮނުވިކަން އެނގޭކަށްވެސް ނެތް. ދިވެހި ރަސްރަސްކަލުން އިހު ޒަމާނުއްސުރެ ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި އެގޮތަށް އެކި ގައުމުތަކަށް ވެދުން ފޮނުއްވަމުން ގެންދެވި. މީލާދީން 362 ގައިވެސް ރޯމަން އެމްޕަރަރ ޖޫލިއަންގެ އަރިހަށް ވެދުން ފޮނުއްވިކަމަށް އެތަނުގެ ތާރީޚުގައި އޮވޭ ނޫންތޯ؟

މުހައްމައިދި: އާދެ، އާދެ، ތިވާހަކަ އަހަން.

ހުސައިންދީދި: ކޮންމެއަކަސް ޕޯޗުގީޒުންނޭ ކިޔުނު މީހުންނާ ދިވެހީންނާ ދެމެދުގައި މި ހިނގި ކަމެއް ހިނގައިގެން ދިޔައީ ހިލާލީންގެ ދުވަސްވަރު ތިޔަ ވިދާޅުވި ޔޫސުފް ރަސްގެފާނަށް ފަހު ރަސްކަމަށްވަޑައިގެންނެވި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ކަޅު މުހައްމަދު ރަސްގެފާނުގެ ދުވަސްވަރު. އެދުވަސްވަރު އިންޑިޔާ ބައްރުގެ ގޯވާގައި އުޅުނު ޕޯޗުގީޒުންގެ ލޯތައް ހުރީ މިރާއްޖޭގެ މައްޗަށް އަމާޒުވެފައި. އޭރު ރާއްޖޭގައި އުފައްދަމުން ދިޔަ ރޯނަކީ މުޅި ސަރައްހަދުގައިވެސް އުފައްދާ އެންމެ ކޮލިޓީ ރޯނު. މިޔަކީ ޕޯޗުގީޒުންގެ އުޅަނދު ފަހަރަށް ވަރަށް ބޭނުންތެރި އެއްޗެއް. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއިން ހިލައިގެން ބޭރުކުރި ބޮއްޔަކީވެސް އެފަދަ ބޭނުންތެރި އެއްޗެއް. އެހެންކަމުން އެމީހުން ތިބީ މިތަކެތީގެ ވިޔަފާރީގެ ކޮންޓްރޯލް ހޯދަން ފުރުސަތަކަށްވެސް ބަލަބަލައި. އެކަމަކު ވަގުތުގެ ގޮތުން މާ ދިގުކޮށް، މާ ތަފްސީލުކޮށް އެވާހަކަ ދައްކާކަށް ނެތީން.

އެވަގުތު ގޭތެރެއިން ތަބަކެއް ހިއްޕަވައިގެން ހުސައިންދީދިގެ އަނބިކަނބަލުން ކައްދައިދި ވަޑައިގެންނެވިއެވެ. އޭގައި ހުރީ ތިންކަލުންނަށް ހުރި ހަވީރުގެ ސަޔެވެ. ހެދިކާގެ ދެތިން ބާވަތަކާއި ކިރު ސަޔެވެ. އެތަނުގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ތަބައް ބެހެއްޓެވުމަށްފަހު ފަތްސިލުނބުކޮޅު ހިއްޕަވައިގެން ކައްދައިދި އެތެރެއަށް ވެދެވަޑައިގެންނެވިއެވެ.

ހުސައިންދީދި: ކޮބާ ދެން ވާހަކަ ދައްކާނީ ސައިވެސް ބޮމުން. ދެބޭފުޅުންވެސް ފައްޓަވާ! ބިސްމިއްލާހި!

މުހައްމައިދި: އާދެ، ސައިބޮއެގެން ވާހަކަދައްކަން މަޑުކޮށްފިއްޔާ މަޣްރިބަށްވެސް ނުނިމޭނެ.

ނާއިބުތަކުރުފާނު: އެހެން، އެހެން. ދެން އަނެއްކާ މިޒާތްޒާތުގެ ވާހަކަތަކަކީ މިހެން ތިބެ ގަޑިއެއް ދެގަޑިއިރު ތެރޭގައި ދައްކައި ނިންމާލެވޭނެ ވާހަކަތަކެއް ނޫން. އަޅުގަނޑަށް ފެންނަނީ ދެކަލުންވެގެން މި ވާހަކަތައް ފޮތެއްގައި ލިޔެގެން ނެރެން. މިހާރު ބައެއް މީހުން މިދައްކާ ވާހަކަތަކުން ބޮލަށް ތުރާވޭ. އެމީހަކު ހިތުހުރި ގޮތަކަށް ހަދަހަދައިގެން ތާރީޚުގައި ނުވެސް ނެތް ވާހަކަ ހުރި ކަމަށް ހަދައިގެން ކިޔަމުން ދަނީ.

ހުސައިންދީދި: ތަކުރުފާނު ތިޔަ ވިދާޅުވީ ހައްގު ތެެދެއް. އެއްބަޔަކު ދަނީ އެގަހުކޭލެއް މިގަހުކޭލެއް ނޭނގޭ ވަރަށް ދިވެހި ތާރީޚު ބަދަލުކޮށް އޮޅުވަމުން. ތިޔަ ވިދާޅުވިހެން ފޮތެއް ލިޔާން އެބަޖެހޭ. މުހައްމައިދި އަރިހުގައިވެސް ތިވާހަކައެއް އަޅުގަނޑު ކިތަންމެ ފަށަކުން ދައްކައިފިން.

މުހައްމައިދި: އާދެ! ވަރަށް ގިނައިން ދައްކަވައިފި. ދެން އިތުރަށް މަޑުކޮށްގެން ތިއްބާ އަޅުގަނޑުމެންނާއެކީ މިއެއްޗެއްވެސް ނެތި ފަނާވެގެން ހިނގައިދާނެ. މިހާރު މިތިބީވެސް މިއަތަށްވުރެ އެއަތް ގާތްވެފާ! ދެން ވާހަކަ ކުރިޔަށް ގެންދަމާ ހިންގަވާ!

ހުސައިންދީދި: އާދެ! ދިވެހިރާއްޖޭގެ ހިލާލީ ރަސްކަމުގެ ހަމަނުޖެހުމުގެ ތެރެއިން ނުވަ ވަނަ ހަސަން ރަސްގެފާނޭ ކިޔުނު ޒުވާން ރަސްކަލަކު ރަސްކަން ނުކުރެއްވިގެން އަމިއްލަފުޅަށް ރަސްކަމުން ފައިބައިވަޑައިގެން ރާއްޖެ ދޫކުރައްވައި އިންޑިޔާ ބައްރަށް ވަޑައިގެން ގޯވާގައި ތިބި ޕޯޗުގީޒުންގެ މަދަދާއެކީގައި އަލުން ރަސްކަން ހޯއްްދެވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން މި ޕޯޗުގީޒުންނޭ ކިޔާ ބަޔަކު ރާއްޖެ ހިފިޔޭ އެކިޔަނީ. މިދެންނެވި ރަސްގެފާނުވެސް އެމީހުންގެ އެހީތެރިކަން ދޭނޭ ފަދަޔަކުން އިސްލާމްދީން ދޫކުރައްވައި އެމީހުންގެ ދީނަށްވެސް ވެދެވަޑައިގެންނެވީ. ގޯވާގެ ޕޯޗުގީޒުންގެ ތެރޭގައި ހުރި ދިވެހިރާއްޖޭގައި އުޅެ ބޮޑުވި ދިވެހީންނާއި ދިވެހިރާއްޖެ ދަންނަ އަނދިރި އަނދިރީންނޭ ކިޔުނު މީހަކު އިސްވެ ހުރެގެން ރާއްޖެއަށް ހަމަލާދީ އޭރު ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހު ރާއްޖެ ހިފީ. ޕޯޗުގީޒުންނަށް ރާއްޖެ ހިފުނީ ދެތިން ފަހަރެއްގެ މަތީން އައިސްގެން. ކޮންމެއަކަސް މިދެންނެވި އަނދިރި އަނދިރީންނެއް މާލެއަށް އަރައި ރާއްޖޭގެ މައްޗަށް ވެރިވެގަނެ ރާއްޖޭގައި ވެރިކަން ކުރަމުން ދިޔައީ ޕޯޗުގަލްގައި ހުންނެވި އެމީހުންގެ ރަސްގެފާނުގެ ނަންފުޅުގައެއް ނޫން. އޭނާ އެވެރިކަމެއް ކުރީ ކަރައިގައި ހުންނެވި ނުވަވަނަ ހަސަން ރަސްގެފާނުންގެ ނަންފުޅުގައި. އެހެންވީމާ ރަސްކަލަކީ ދިވެއްސެއްތާ ދެއްތޯ! ދެން ރަސްކަލަކީ ދިވެއްސެކޭ ދެންނެވިޔަސް ދިވެހީންގެ ދީނުން ފުރެދިފައި ހުންނެވި ބޭފުޅަކަށްވީތީއާއި އެބޭފުޅެއްގެ ނަންފުޅުގައި ވެރިކަން ހިންގާން ތިބީ ބޭރު ފުރެއްދެ ދީނުގެ ބަޔަކަށް ވީތީ ދިވެހީންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު އެމީހުންނާ ދެކޮޅަށް ނިކުންނެވީ. އާދެ ބޮޑުތަކުރުފާނާ، އަލިތަކުރުފާނާ، ހަސަންތަކުރުފާނާ، ދަންޑެހެލާ ދެ ހާޖީން ނިކުންނަވައި ދިވެހިރާއްޖެ ފުރެއްދެ ދީނުގެ މީހުންގެ ކިބައިން މިންޖުކުރައްވައި ދިވެހީންގެ ވެރިކަމުގެ ދަށަށް ގެންނެވީ. އެއީ ގާތްގަނޑަކަށް 15 ނުވަތަ 17 އަހަރެއްހައި ދުވަސް ފަހުން. އޭގެ ފަހުން ދުއިސައްތައެއްހާ އަހަރު އެގޮތުގައި އެމިނިވަންކަންމަތީ ދިވެހިރާއްޖެ އޮތުމަށްފަހު އަނެއްކާ އެހެންބައެއްގެ ދަށަށް ދިވެހިރާއްޖެ ދިޔައީ. އެބައި މުހައްމައިދި ކުރިޔަށް ގެންދަވާ!

މުހައްމައިދި: މައްސަލައެއް ނެތް. އަޅުގަނޑަށް އެނގި ހުރި މިންވަރަކުން ދަންނަވާނަން. ހަގީގަތުގައި ތިޔަ ވިދާޅުވި ދުއިސައްތައެއްހައި އަހަރު ފަހުން ދިވެހިރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖެ ހިފި ހާދިސާޔާ ތިޔަ ވިދާޅުވި ޕޯޗުގީޒުންނާއި ބޮޑުތަކުރުފާނުގެ ހާދިސާއާ ކޮންމެވެސް ވަރަކަށް ގުޅުމެއް އެބައޮތް. އެ ގުޅުމަކީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރެއްވީ މަލާބާރުކަރައިގެ ހޮޅީންގެ އެހީތެރިކަމާއެކު ކަމަށްވުން. އާދެ، އަލީރާޖާގެ އެހީތެރިކަމާއެކުގައި ކަމަށްވުން.

ނާއިބު ތަކުރުފާނު: ހޮޅީންނަކީ އެއީ ހޮލޭންޑް މީހުންތޯ؟

މުހައްމަދި: ނޫން. ހޮލޭންޑް ނުވަތަ ޑަޗު މީހުންނަށް ދިވެހީން ކިޔައި އުޅުނީ ލަންދޭސީންނޭ. ލަންދޭސީންގެ ވާހަކަވެސް ދިވެހި ތާރީޚުގައި އަންނާނެ. އެއީ ސިލޯނާ ގުޅޭ ވާހަކަތަކުގެ ތެރެއިން. ހޮޅީންނަކީ މަލާބާރުކަރައިގެ މީހުންނަށް ކިޔާ ނަމެއް. މިޒަމާނުގެ ގޮތުންނަމަ އެއީ މަލިޔާޅީންގެ މީހުން. މަލިޔާޅަމް ބަހަށްވެސް ދިވެހީން ކިޔަައިއުޅުނީ ހޮޅިބަސް. ދެކުނު އިންޑިޔާގެ ކަންނަންނޫރޭ ކިޔުނު ސަހަރުގެ ރަސްކަލެއް އަލީރާޖާއަކީ. އަސްލު އަލީރާޖާއަކީ ވަކި މީހަކަށް ކިޔާ ނަމެއް ނޫން. އެޔަކީ އެތާގެ ރަސްކަމުގައި ހުންނަ ކޮންމެ ފިރިހެނަކަށް ކިޔާ ލަގަބު ނަމެއް. ކޮންމެއަކަސް ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވީ އަލީރާޖާގެ ސިފައިންގެ އެހީތެރިކަން ލިބިގެން. އެކަމަކު އެ އެހީތެރިކަމެއް އެމީހުން ދިނީ އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ރަށްތަކެއް އެމީހުންނަށް ދޭން އެއްބަސްވެގެން. އެހެންނަމަވެސް ބޮޑުތަކުރުފާނު ހެއްދެވި ގޮތަކީ އެމީހުންނަށް އޭގެ ބަދަލުގައި ކުޑަކުޑަ ރަށްގަނޑެއް ދެއްވީ. އެއީ ދޮނަކުޅި. އެކަމާ އެމީހުން ނުރުހުންވެ އުތުރުގެ ބައެއް ރަށްތަކަށް ހަމަލާދީ ލޫޓުވާލާފަ ފައިބައިގެން ދިޔަކަމަށް ތާރީޚުގައި އޮވޭ. އެއަށްފަހު އަލީރާޖާއިން އަބަދަވެސް އުޅުނީ ދިވެހިރާއްޖެ ހިފަން ހިތުލައިގެން. އެގޮތުން އެމީހުންގެ މިފަދަ ހަމަލާތައް އެކި ދުވަސްވަރު ދިވެހިރާއްޖެއަށް ފޯރި.

ހުސައިންދީދި: މުހައްމައިދި މަލާބާރީންގެ ހަމަލާތަކުގެ އިތުރުން ޕޯޗުގީޒުންގެ ހަމަލާތައްވެސް އެފަހުން އައިތާ. ބޮޑުރަސްގެފާނުގެ ދުވަސްވަރު ޕޯޗުގީީޒުންގެ ބަޔަކު އުޅަނދުފަހަރުގައި އައިސް މާލެއަށް ހަމަލާދިން ވާހަކަ އަޅުގަނޑުމެންގެވެސް އަދި އެމީހުންގެވެސް ތާރީޚުގައި އޮވޭނޫންތޯ؟

މުހައްމައިދި: އާދެ! ތި ވާހަކަ އޮވޭ! ތިޔަށްފަހުތާ ބޮޑުރަސްގެފާނު މާލެ ވަށައި ބޮޑުފާރު ރާނުއްވައި ބުރުޒުތައް ހެއްދެވީ. ކޮންމެއަކަސް ބޮޑުރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނުގެ ޒަމާނުގައި މަލާބާރީންގެ ހަމަލާތައް އިންތިހާއަށް ބޮޑުވެގެން އެމީހުންނަށް ފިލާވަޅެއް ދެއްވުމުގެ ބޭނުންފުޅުގައި ދިވެހި ސިފައިން ފޮނުއްވައިގެން އަލީރާޖާގެ ވެރިކަމުގެ ދަށުގައި އޮތް ދީވަންދުރޯގެ ރަށްތަކަށް ހަމަލާދެއްވައި މަލިކުގެ ބޮޑުން ހައްޔަރުކޮށް މާލެ ގެންނަވައި ދިވެހިރާއްޖޭގެ ރަދުންނަށް ވާރުދައްކާ ރަށެއްގެ ގޮތުގައި މަލިކު ހަމަޖެއްސެވީވެސް. ވަރަށް އިހުޒަމާނެއްގައި މަލިކަކީ ދިވެހި ރަށަކަށްވިޔަސް ބޮޑުތަކުރުފާނުގެ ދުވަސްވަރުވެސް އަދި އޭގެ ފަހުން އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރާ ޖެހޭންދެން މަލިކު އޮތީ ކަންނަންނޫރު އަލީރާޖާ ރަށެއްގެ ގޮތުގައި. އެހެންނަމަވެސް އަބަދުވެސް އެރަށުގައި އުޅެމުން އައީ ދިވެހީން. އިސްކަންދަރު ރަސްގެފާނު މަލިކު ހިއްޕެވުމަށްފަހު ކޮރުބަންޑާރައިންގެ ރަސްކަމުގައި ހޮޅީން ރާއްޖެއަށް ހަމަލާދީ ހިފަންދެން މަލިކު އޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި ކަން އެ ދެމެދަށް ރަސްކަންކުރެއްވި އެންމެހައި ރަސްރަސްކަލުންގެ ރަސްމީ ސިއްކަ ޖައްސަވާފައިވާ ރަސްމީ ފަތްފަތްކޮޅުތަކުން ސާބިތުވޭ. މިދެންނެވި ހޮޅީންގެ މީހުން ރާއްޖެ ހިފުމުގައި އޭރު ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި މުހައްމަދު ޝަމްސުއްދީނާއި އެކަލޭގެފާނާ އެއްބަފާ އަޚު އޭރުގެ ޚަތީބު މަނިކުފާނު އަހުމަދު މުހްޔިއްދީނުގެ އެހީތެރިކަން ލިބުނުކަން ތާރީޚުގެ ލިޔެކިޔުންތަކުން އެނގޭ. މި ދެކަލުންނަކީވެސް މަޝްހޫރު ފަނޑިޔާރު ކަލޭގެފާނު ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުން. އެކަމުގެ ތަފްސީލަށް ދާނީ އެހެން ފަހަރަކުން. އެފަހަރު ރާއްޖޭގެ ރަދުން ހައްޔަރުކޮށްގެން ރަދުންގެ ލޯފުޅު ކޮނެލައިގެން އަލީރާޖާ އޭނާގެ މައްޗަށް އޭރު ހުންނެވި މައިސޫރުގެ ހައިދަރު އަލީއަށް ވެދުމަށް އެރުވުނު ވާހަކައެއް އެބައިމީހުންގެ ތާރީޚުގައިވެސް ލިޔެވިގެންވޭ. ކޮންމެއަކަސް ދިވެހިރާއްޖެ އިސްލާމްވީ ފަހުން ބޭރު ގައުމެއްގެ ބޭރު ރަސްކަލެއްގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ދިޔަކަން އެނގެން އޮތް ފަހަރަކީ މީ. މިކަމެއް ހިނގީ މީލާދީން 1752 ވަނަ އަހަރުގެ ތެރޭގައި. އެހެންނަމަވެސް މާތްރަސްކަލާނގެ ހެޔޮ ރަހުމަތުން އެއަޅުވެތިކަމުގައި ދިވެހިރާއްޖެ އޮތީ ހަތަރުމަހެއްހާ ދުވަހު. މުލީގޭ ދޮން ހަސަން މަނިކުފާނާއި އެމަނިކުފާނަށް ވާގިދިން ބަޔަކާ އެކީ ނުކުމެވަޑައިގެން އޭރު މާލޭގެ މައްޗަށް ވެރިޔަކަށް ލާފައި ހުރި މަލިކު މުހައްމަދު ބަންޑޯރު މަނިކޭ ކިޔުނު މީހަކާއި އޭނާޔާއެކު ތިބި ހޮޅީންނާ ހަނގުރާމަކުރައްވައި އަލީރާޖާގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވި ކުރެއްވުމަކީ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖެ ހަގީގަތުގައި މިނިވަންވީ ދުވަހޭ. ދިވެހިންގެ އަސްލު މިނިވަން ދުވަހަކީ އެއީއޭ. ސަބަބަކީ 1752 ރާއްޖެއިން ގެއްލި، މިނިވަން ނުވެ އޮތް މަލިކަށް ވީ ގޮތާމެދު ނާއިބު ތަކުރުފާނު ވިސްނަވާލައްވާ! އަލީރާޖާގެ އަތްދަށުން، އިންޑިޔާބައްރުގެ ގައުމުތަކަށް އަތްގަދަކޮށް މުޅި އިންޑިޔާގައި ވެރިކަން ކުރި އިނގިރޭސީންގެ އަތްދަށަށް ގޮސް އެންމެފަހުން އިންޑިޔާއަށް މިނިވަންކަން ދިން އިރު މަލިކުވީ މިނިވަން ޖުމްހޫރީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއެއްގެ ރަށަކަށް.

ނާއިބު ތަކުރުފާނު: ތި ވިދާޅުވީ ހައްގު ތެދު ވާހަކަފުޅެއް. ދޮން ބަންޑާރައިން މެދުވެރިކުރައްވައި މާތްރަސްކަލާނގެ އަލީރާޖާގެ ކިބައިން ދިވެހިރާއްޖެ މިނިވަން ނުކުރެއްވި ނަމަހީ ރާއްޖެވެސް އޮތީހީ އެފަދަ ގޮތަކަށޭ ދެންނެވިދާނެ ދެއްތޯ!

ހުސައިންދީދި: ޝައްކެއް ނެތް. އެހެންވީމާ ދޮންބަންޑާރައިންނަށް ދިވެހީންވަނީ ވަރަށް ބޮޑުތަނުން ދަރާފައި. ދިވެހި މިނިވަންކަމުގެ އެންމެ އިސް ބައްޕައަކީ ދިވެހީންގެ މިނިވަންކަމުގެ އެންމެ އިސް ބަތޮލަކީ އެއީ!

ނާއިބު ތަކުރުފާނު: ދެން އެފަހުން ދެއްތޯ އިނގިރޭސީންނެއް މިތަނަކަށް މިއައީ؟

ހުސައިންދީދި: އާދެ! އޭގެ މާފަހުން. ދޮންބަންޑާރައިން މިތަނުގައި ގާއިމުކުރެއްވި ހުރާގޭ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައި. އިނގިރޭސީން އިންޑިޔާ ބައްރުގެ ގައުމުތަކާއި ސިލޯނާއި ތަންތަން ހިފައި އިސްތިއުމާރުކުރި އިރު ދިވެހިރާއްޖެ އޮތީ އެމީހުން ދަތުރުފަތުރުކުރާ މަގުގެ މެދުގައި. ރާއްޖޭގެ ފަރުތަކަކީ އެމީހުންގެ އުޅަނދުފަހަރު ހިފަން ޖަހާފައިވާ ދަންތުރައެއްފަދަ. އޭރު ރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު އެޑުވާންޓާޖަކީ އެއީ. ދިވެހިރާއްޖޭގެ ފަރުތައް. އެއީ ބޭރު ބަޔަކަށް ވަދެގެން ފަސޭހަފަސޭހައިން އުޅޭވޭނެ ޒާތަކަށް އޮތް ތަންތަނެއް ނޫން. އެހެންކަމުން އެތަންތަނަށް އެމީހުންނަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުން މިއީ ދިވެހިރާއްޖެ އެމީހުންގެ ދަށަށް ގެންނަން އެމީހުން އެންމެ ފުރަތަމަ ކުރި ކަމަކީ. އެގޮތުން މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި ގަލޮޅުގޭ ދޮންއަހުމަދު ދީދީ، މިއީ ފަހުން އަތިރީގޭ އައުލާދޭ ކިޔާ އައުލާދުގެ މަތިކޮޅުގެ ބޭފުޅެއް. މި ދޮން އަހައްމައިދިގެ އެހީތެރިކަމާއެކު އޭރު ރާއްޖެ ވަޑައިގެންނެވި އިނގިރޭސި އިންޑިޔާގެ ކަނޑުމަތީ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ރޮބަޓް މޯޒްބީއޭ ކިޔުނު މީހަކު ދިވެހިރާއްޖޭގެ ވަރަށް ފުރިހަމަ ޗާޓެއް ކުރައްސަވައި ދިވެހިރާއްޖެ އިނގިރޭސީންނަށް "ހުޅުވާލި". އާދެ، އިނގިރޭސި ބަހުން ދަންނަވާކަމަށްވަންޏާ "އެކްސްޕޯސް" ކޮށްލި. ދެން އިނގިރޭސީން މިތަނާ ބެހުމުގެ އެހެން ކިތަންމެ ސަބަބެއްވެސް އެބަހުރި. އޭގެ ތެރެއިން އަނެއް މުހިއްމު ސަބަބަކީ އޭރުގެ ސިޔާސީ މަސްރަހުގައި އުފެދިފައި އޮތް ސިޔާސީ ވާދަވެރިކަން. އެއީ އަތިރީގޭ "ޕާޓީ" އާއި ކަކާގޭ "ޕާޓީ" ގެ ވާދަވެރިކަން. މީގެ ތެރެއިން އަތިރީގޭ އަލީ ދޮށިމޭނާ ކިލަގެފާނާއި އެކިލަގެފާނަށް ވާގިވެރިވާ އެހެން ބޮޑުންގެ ރުހުމާ ދެކޮޅަށް މާލޭގައި ގާއިމުވެ ވިޔަފާރިކުރުމުގެ ހުއްދަ ވޯރާ ވިޔަފާރިވެރިންނަށް ދެއްވީ. އެކަމުގައި އިސްކޮށް އުޅުއްވީ އޭރުގެ ބޮޑުވަޒީރު ކަކާގޭ އަލީ ރަންނަބަނޑޭރި ކިލަގެފާނު. މިކަމާ ރުހިވަޑައިނުގެން އަތިރީގޭ އަލީ ދޮށިމޭނާ ކިލަގެފާނު ރާއްޖެ ދޫކުރައްވައި ސިލޯނަށް ހިޖުރަކުރެއްވި. އަތިރީގެ ބޭފުޅުންނަކީ ދޮން އަހައްމައިދިގެ ދުވަހުއްސުރެ އިނގިރޭސީންނާ ވަރަށް ބޮޑަށް ގުޅުން އޮތް ބޭފުޅުން. އަދި މި އަލީ ދޮށިމޭނާ ކިލަގެފާނަކީ ދޮން އަހުމަދު ދީދީގެ ބޭފުޅެއް. މިކަމެއް ހިނގީ މުސްކުޅި ބަންޑާރައިންގެ ދުވަސްވަރު. އެފަހުން މުސްކުޅި ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގައި އަލީ ދޮށިމޭނާ ކިލަގެފާނުގެ ދަރިކަލުން އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލަގެފާނު މާލެ ވަޑައިގެން ބޮޑުވަޒީރުކަން ކުރެއްވި. ނޫރައްދީން ބަންޑާރައިންގެ ދުވަސްވަރު އެއްފަހަރު މި އިބްރާހީމް ދޮށިމޭނާ ކިލަގެފާނު ބޮޑުވަޒީރު ކަމުގައި ހުންނެވިއްޔާ އަނެއްބައި ފަހަރު ހުންނަވާނީ އަނެއް ޕާޓީ ކަމަށްވާ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލަގެފާނުގެ ކުޑަ މުހައްމައިދި. އާދެ، މުހައްމަދު ރަންނަބަނޑޭރި ކިލަގެފާނު.

މުހައްމައިދި: އަދި އެއް ކަމެއް ފާހަގަކޮށްލާނަން އަޅުގަނޑު. އެކަމަކީ ދިވެހިރާއްޖެއިން އޭރު ދިޔައީ ސިލޯނުގައި އޮންނަ އިނގިރޭސި ސަރުކާރަށް ކޮންމެ އަހަރަކުވެސް ވެދުން ފޮނުއްވަމުން. އެކަމަކީ އިނގިރޭސީންގެ ކުރިން ސިލޯނުގެ މައްޗަށް ވެރިކަންކުރި ލަންދޭސީންގެ ދުވަހުއްސުރެ ކުރަމުން އައި ކަމެެއް. އެކަމެއް ކުރަމުން އައީ ޖިޒީއެއް ދިނުމުގެ ގޮތަކުންނެއް ނޫން. ރަހުމަތްތެރިކަމާއި އެތަނަށް ވިޔަފާރިކަމުދާ ދިވެހީންގެވެސް ރައްކާތެރިކަމަށްޓަކައި. އެގޮތުން އެތަނުން ރާއްޖެއަށްވެސް ހަދިޔާގެ ވެދުންތައް ފޮނުވައި އުޅުނު.

މުހައްމައިދި: އާދެ، އާދެ، ތިޔައީ ހިނގަމުން އައިކަމެއް. ދެން ކޮންމެއަކަސް ދެ އާއިލާގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ނޫރައްދީން ބަންޑާރައިން ރަސްކަމުން ބާލުއްވައި އެރަދުންގެ ބޭބޭފުޅަށްވި އަލްއަމީރު ހަސަން އިއްޒުއްދީންގެ ދޮށީ މަނިއްޕުޅު އައްސުލްތާނު މުހައްމަދު މުއީނުއްދީން އެކެއްގެ ނަންފުޅުގައި ރަސްކަމަށް އިސްކޮށްފި. މި ދުވަސްވަރު މާލޭގައި މަޝްހޫރު ބޮޑުހުޅުގެ ސިޔާސީ ސަކަރާތްގަނޑުވެސް ފެށުނު. މިގޮތުން މާލޭގައި ތިބި ވޯރާ ވިޔަފާރިވެރިންގެ ފިހާރަތަކާއި ގުދަންތަކާއި އަދި އާއްމުންގެ ބައެއް ގޭގައިވެސް ހުޅުޖެހި. އެކަމުގެ ސަބަބުން ވޯރާއިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި އެކަމުގެ ޝަކުވާ ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރާ ހަމަޔަށް ފޯރި. ސަބަބަކީ ވޯރާއިންނަކީ އިނގިރޭސި އިންޑިޔާއާއި ސިލޯނުގެ ރައްޔިތުންގެ ހައިސިއްޔަތުން އިނގިރޭސި ރައްޔިތުންނަށް ވީތީ. ރާއްޖެއިން އެކަމުގެ ތަހުގީގެއްކުރިއިރު ކުށްވެރިވީ އަތިރީގެ އިބްރާހީމް ދޮށިމޭނާ ކިލަގެފާނާއި އެކިލަގެފާނަށް ވާގިދެއްވި ބޮޑުންގެ ތެރެއިން ބޭފުޅުންތަކެއް. އޭގެ ސަބަބުން އެބޭބޭފުޅުންނަށް އަދަބުދެއްވައި އަރުވާވެސްލެއްވި. އެވަގުތު އޭގެ އަނެއްކޮޅުން އިބްރާހީމް ދޮށިމޭނާ ކިލަގެފާނުގެ ފަރާތުން ސިލޯނުގައި ހުންނަވައިގެން އޭނާގެ ދަރިކަލުން އަތިރީގޭ އަހައްމައިދީ ގެންދެވީ މަސައްކަތްކުރަައްވަމުން. ދެން އިނގިރޭސީން މިމައްސަލައިގެ ތެރެއަށް ވަދެ ދިވެހިރާއްޖޭގައި ތިބޭ އެމީހުންގެ ރައްޔިތުންނަށް ހިމާޔަތް ނުލިބޭތީއާއި އޭރު ތިއްބެވި ވެރީންނަށް މާލޭގައި އަމާންކަން ގާއިމުނުކުރެވޭތީ އެކަމުގެ ޝަކުވާ އުފުލައި މީގެ ތެރެއިން ގޮސް ދިވެހިރާއްޖޭގެ ރަދުންނަށް މަޖުބޫރުކުރުވައިގެން އެބުނާ ހިމާޔަތުގެ އެއްބަސްވުމެއްގައި ސޮއިކުރުވީ.

މުހައްމައިދި: ހުސެންދީ. އަދި އިތުރު ކަންކަންވެސް ހުރި ނޫންތޯ؟ ދިވެހީން ވޯރާ ވިޔަފާރިވެރީންނަށް ދަރާ އޮތް އޮތުންވެސް މިކަމުގައި ރޯލެއް އަދާކުރި ނޫންތޯ؟

ހުސައިންދީދި: އާދެ، އާދެ، ތިކަންވެސް އޮތް. ކޮންމެއަކަސް މަޣްރިބު ނަމާދުވަގުތުވެސް ޖެހެނީވިއްޔާ، އެހެންވެ ވަރަށް ކުރުކުރުކޮށް މި ކަންކަން މި ބަޔާންކޮށްލީ. ރަދުންނަށް ލަފާއަރުވާ ބައެއް ބޭބޭފުޅުންނާއި ބޭބޭކަލުން މިދެންނެވި އެގްރީމެންޓެއްގައި ސޮއިކުރެއްވުމާ ދެކޮޅުވެސް ހެއްދެވި. އޭގެތެރެއިން ނައިބުތުއްތު ފާހަގަކޮށްލެވޭ. އެގްރީމެންޓެކޭ ދެންނެވިޔަސް އެއީ ސިޓީއެއް. އެހެންނަމަވެސް މަޖުބޫރީ ހާލަތުގައި ބޮޑުވަޒީރު މުހައްމަދު ރަންނަބަނޑޭރި ކިލަގެފާނުވެސް ލަފާދެއްވީ ރަސްކަންކުރައްވަން ގައުމެއްވެސް އޮންނާނީ އޭގައި ސިއްކަޖެއްސެވީމާ ކަމަށް. އަދި އެވަގުތު ރަދުންނަށް ބިރުދައްކަން މާލޭގެ ބޮޑުގަނޑުވަރު ކުރިމައްޗަށް ވާގޮތަށް ބަޑިތައް އަމާޒުކޮށްފައި އޮތް ބޮޑު މަނަވަރެއްވެސް އޮތް. އެންމެ ފަހުން އެސަބަބުތަކާހުރެ މަޖުބޫރުވެވަޑައިގެން ރަދުން އޭގައި ސިއްކަޖައްސަވައި ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަ. އެކަމެއް ހިނގީ 1887 ގެ ޑިސެންބަރު 16 ގައި.

ނާއިބު ތަކުރުފާނު: އެބުނާ އެގްރީމެންޓެއްގައި ހުރީ ކޮން ވާހަކައެއްތޯ؟

މުހައްމައިދި: އޭގައި އޮތީ ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ތަޚުތުގައި އިންނަވާ ބޭފުޅެއްގެ ސިޔާދަތީ ބާރުގެ ދަށުގައި އޮތް އެހެންނަމަވެސް އަމިއްލަ ވެރިކަމެއް ހިނގާ ދާޚިލީ ކަންކަމުގައި އެމީހުން ނުބެހޭނެ ގައުމެއްގެ ގޮތުގައި. އެކަމަކު ރާއްޖޭގެ ތަޚުތަށް އިސްވާ ރަސްރަސްކަލުން އިސްވުމަށްފަހު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރުގެ ރުހުން ލިބެންޖެހޭނެ ކަމަށްވެސް އޮތްކަމަށްވަނީ. ދެން އޮތީ ސިލޯނުގައި އޮންނަ އިނގިރޭސީންގެ ސަރުކާރުގެ މެދުވެރިވެގެން ނޫން ގޮތަކަށް ޚާރިޖީ އެއްވެސް ގުޅުމެއް ނުބޭއްވޭނެކަމަށް. ދެން އެމީހުންގެ ހިމާޔަތް ރާއްޖެއަށް ލިބޭނެ ކަމަށްވެސް އޮވެޔޯ!

(ދެން އިވެން ފެށީ މަޣްރިބް ނަމާދަށް ބަންގި ގޮވި އަޑެވެ.)

ހުސެންދީދި: މީގެ އަނެއް ބައި އެހެން ދުވަހަކުން ކުރިޔަށް ގެންދަން އަޅުގަނޑަށް ފެންނަނީ.

ނާއިބުތަކުރުފާނު: އާދެ، އާދެ، ނިމޭނީ 1965 ގެ ޖުލައިން 26 ގައި ރާއްޖެ މިނިވަންވެގެންތާ ދެއްތޯ މުހައްމައިދި؟

މުހައްމައިދި: އާދެ، 1887 އާއި 1965 އާ ދޭތެރޭގައި ލައްކަ ކަންކަމެއް ހިނގިތާ. އެ ވާހަކަތަކާއެކީ އެއްދުވަހެއްގެ ހަވީރު އަނގަތަޅާލަންވާނީ. ފޮތުގެ ކަންތަކާވެސް އަދި އުޅެންވާނެ. އަވަހަށް ދަމާ ހިނގާ!

-------------------------------------------------------

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.