ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19އަށް ޕޮޒިޓިވް ބިދޭސީއަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި ކޮވިޑަށް ޕޮޒިޓިވް 62 މީހުންގެ ތެރެއިން 61 މީހަކަށް ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށާއި އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

"މިވަގުތު ހޮސްޕިޓަލުތަކުގައި ތިބި މީހުންނަށް ބަލާއިރު، ޑީއެޗް 11ގައި އެއްވެސް ޕޭޝަންޓަކު ނެތް. ޑީއެޗް 16ގައި އެކަކު. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 62 މީހުން. މީގެ ތެރެއިން 61 މީހުންނަކީ ވޯޑުގައި ތިބި މީހުން. އަދި އެކަކު ވަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައި. މި ފަރާތަކީ ބިދޭސީއެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 50 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3302 އަށް ވަނީ އަރައިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން މީހަކު ރަނގަޅުވެފައެއް ނުވެއެވެ. މިހާތަނަށް ޖުމުލަ 2534 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 738 މީހަކަށެވެ.

މިމަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އިއްޔެ ޖުމުލަ 77 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މިދިޔަ ހުކުރު ދުވަހު 55 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ފާއިތުވެދިޔަ ތިން ދުވަހު ޖުމުލަ 182 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.