މިއީ އިގްތިސޯދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ މިކުރާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައެވެ.
ރައީސް ވިދާޅުވީ، ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގުތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ.
"ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން،" ރައީސް ވިދާޅޫވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރު ވެ، އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށް، ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅި، ވިޔަފާރިތައް ބަނގުރޫޓުވެ، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސް އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގްތިސާދު ކަރުތާފެނަށް ގަންބާލައިފި ކަމަށެވެ.
މި ހާލަތަށް ގައުމު ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުގެ ވިސްނުމަށް އަންނަނީ، "ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ގުރްބާނީގެ މަތިވެރިކަން،" ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަން. ގައުމުގެ އިގްތިސޯދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްގީކުރި ދެ ސިނާއަތެއްގެ މައްޗަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަކީވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްގީކޮށް، ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިނާއަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އިގުތިސާދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ކަމަށެވެ.
މިއީ އިގުތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށާއި، ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު. އިގްތިސާދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު. ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު،" ރައީސް ވިދާޅުވިއެވެ.
އެހެން އަހަރުތަކުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ބޭއްވި ނަމަވެސް ކޮވިޑް 19 ގެ ސަބަބުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ވަނީ ނިންމައިފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އޮތް ހަމަ އެކަނި ދެ ހަރަކާތަކީ، ރައީސުލް ޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރެއްވުމާއި، މިއަދު ހެނދުނު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވި ދިދަ ބެގުމުގެ ހަފްލާއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު