ތައުލީމުގެ ބިލަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށްބުނެ އެ ބިލުގައި ހުރި ކަންބޮޑުވުންތައް، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ހުށަހަޅައިފިއެވެ.

ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނީ މިހާރު ކޮމެޓީ މަރުހަލާގައި އޮތް ތައުލީމުގެ ބިލަށް، ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ލިބިފައި ނުވާ ކަމަށެވެ.

އެ ބިލުގައި ކަންބޮޑުވުންތަކެއް އެބަހުރި ހަމަށާއި، އެކަންތައްތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށްވެސް އެ އެސޯއިސޭޝަނުން ބުނެއެވެ.

ރަޖިސްޓްރީކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ މި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމުން ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވައިލިއެވެ.

އެއަށްފަހު، ތައުލީމީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކާއެކު، ތައުލީމުގެ ބިލަށް ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމުގެ ބައްދަލުމެއް މިމަހު 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް ވަނީ ބާއްވައިފައެވެ.