ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އާ ބަދަލުތައް ގެނައުމަށް ރާއްޖެ އަބަދުވެސް އޮންނާނީ ފަހިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިސްމާއިލް ޝަފީއު މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް މިރޭ ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭއައި ޓެކްނޮލޮޖީއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.
ރާއްޖެއަކީ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ތައުލީމުގައި ބައިނަލްއަގުވާމީ ކަރިކިއުލަމްތައް ބޭނުންކުރާ ގައުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޕްރައިމަރީ ކަރިކިއުލަމްވެސް ބައްޓަންކުރެވިފައިވަނީ އެ ކަރިކިއުލަމްތަކަށް މަގުފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް އަންނަ ބަދަލުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މުދައްރިސުން އޭއައި އަށް އަހުލުވެރިކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައިވެސް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން އޭއައި ޓްރޭނިން ހިންގާފައިވާނެ ކަމަށެވެ. އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ "އެދުރު" ޕްލެޓްފޯމް މެދުވެރިކޮށްވެސް މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގާބިލުކަން ހުރި މުދައްރިސުންގެ ފޯސްއެއް ރާއްޖޭގައި ގާއިމުވެގެންދާނެއެވެ. އަދި ރާއްޖޭގެ މުދައްރިސުންގެ ތެރޭގައި މިކަމަށް ބޮޑު ޝައުގުވެރިކަމެއް ހުރުމުން މިއީ ރާއްޖެއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް