ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މައްސަލަ ހައްލުކުރުމަށް އަންނަ 2027 ވަނަ އަހަރުގެ ކޮންޓިންޖެންސީ ބަޖެޓުނުް 250 މިލިއަން ރުފިޔާ ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.
އެ ހުރިހާ އިސްލާހެއް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެެރެއިން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ދައުލަތުގެ ބަޖެޓުގައި ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހިމެނިފައިވާކަން ބަޖެޓް ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓު ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަަށެވެ.
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ލިބޭނެ އިންސާފުވެރި އުސޫލެއް ގާއިމުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމަށް 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ކަންބޮޑުވުމަށް ހައްލު ލިބިފައި ނުވިނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާގެ(ށ) ގައި، އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ، މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން 1/4 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/2 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ހަމަ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ)ގައި، އެ ގާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އުނިކަމެއް ލިބޭގޮތަށް ގަވާއިދެއް ނުވަތަ ހެދިފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި ހިމެނޭ މާއްދާއެއް ބާތިލުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، މެންބަރު ވިދާޅުވީ، އިތުރުގަޑީގެ ފައިސާ ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މިހާރު އަމަލުކުރާ 10 އިންސައްތައިގެ ސީލިންގް އަކީ، ތައުލީމީ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތަށް އުޖޫރަ ނުލިބޭގޮތަށް ހަދާފައިވާ، ވަޒީފާއާބެހޭ ގާނޫނާ ހިލާފު މިންގަނޑެއް ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާގައި މި ސީލިންއަށް ވުރެ އިތުރަށް މަސައްކަތްކުރަން ޖެހޭ ހާލަތްތަކުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ އިސްތިސްނާ އުސޫލެއް އޮންނަން ޖެހޭ ކަމަށާއި، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި ހުރި މުވައްޒަފުންގެ ދަތިކަމާއި، މަސައްކަތުގެ މާހައުލާއި، މުވައްޒަފުން ވަޒީފާ ދޫކޮށްލާ ނިސްބަތް ދެނެގަތުމަށް އިންސާނީ ވަސީލަތުގެ އޮޑިޓެއް ހަދައި، މި ދެ ދާއިރާއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އިތުރުކޮށްގެން ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، ތައުލީމީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުގަޑީގެ ފައިސާގެ ސީލިން އުވާލުމަށްފަހު ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި ހިމެނިފައިވާ އެއް ބިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ރުފިޔާ، އިތުރުގަޑިއަށްވާ ފާއިސާއަށް ހޭދަކުރުމަށާއި، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އިތުރުކޮށްގެން ދާއިމީ ހައްލެއް ހޯދަން ބަޖެޓްގައި ހިމެނުމަށް އެ މެންބަރު ހުށަހެޅުއްވިއެވެ.
ތާއީދު ކުރެއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
އެ އިސްލާހަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެެރެއިން، އައްޑޫ މީދޫ ދާއީރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި، އެމްޑީޕީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްކުރަން ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.
މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ވެރިކަންކުރާ ޕީއެންސީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްނުކުރަން 64 މެންބަރުން ވޯޓު ދެއްވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް