ރިޕޯޓް

ވެކްސިނަކާ ނުލައިވެސް ކޮވިޑް ކޮންޓްރޯލް ކުރެވިދާނެ

މުހައްމަދު ސިމާއު

1

ކޮވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާތާ ދޮޅުމަހަށްވުރެ ގިނަ ދުވަސްވީ އެވެ. ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. އެހެންކަމުން ގިނަ ގައުމުތަކުން މިހާރު ވަނީ ބައްޔާއެކު އުޅެން ފަށައިފަ އެވެ. އާންމު ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް، އާ އާންމު ދިރިއުޅުމަކަށް ބަދަލުވެފަ އެވެ. އެމަގަށް ރާއްޖެ ވެސް މަޑުމަޑުން މިދަނީ ހުޅުވައިލަމުންނެވެ. ނަމަވެސް އަދިވެސް ބަލީގެ ނުރައްކާ ކުޑައެއް ނޫނެވެ. ރާއްޖޭގައި މިފަހުން ފެންނަ ޕޮޒިޓިވް ވާ މީހުންގެ ނިސްބަތުން އެކަން އެނގެއެވެ. އެހެންކަމުން ވެކްސިނެއް ފެންނަންދެން އަދިވެސް ސިއްހީ މާހިރުން ކުރަމުންދާ އާދޭސް އަޑުއަހަން ޖެހެ އެވެ.

ކޭސްތައް ފެންނަ އަދަދު އިތުރު، ބޭސްލައިނަކުން ބޭރެއް ނުވޭ!

މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހިފަހައްޓާފައިވާ ބައެއް ކަންކަމަށް މެއި މަހުން ފެށިގެން އަންނަނީ ލުއި ދެމުންނެވެ. މިއަދު ދިވެހިން މިއުޅެނީ ލުއި ދިނުމުގެ ތިން ވަނަ މަރުހަލާގަ އެވެ. މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުން އަންނަ މި މަރުހަލާގައި، ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް ބޭރަށް ނުކުމެވެއެވެ. ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތައް ހުޅުވާލައި، މާލޭގެ މަތީ ގްރޭޑްތަކަށް ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. މިސްކިތްތަކާއި ކެފޭ/ ރެސްޓޯރެންޓުތައް އަދި ސަރުކާރު އޮފީސްތަކުގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް ވެސް މިމަހުގެ 15 އިން ފެށިގެން ވަނީ އަލުން ހުޅުވާލައިފަ އެވެ.

ނަމަވެސް މި ލުއިތަކާއެކު ޕޮޒިޓިވް ކޭސްތައް ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނަންބަރުތަކަށް ބަލާއިރު ޖޫން މަހު ޕޮޒިޓިވް ވެފައިވަނީ ޖުމުލަ 633 މީހުންނެވެ. އަދި މިމަހުގެ މިވީ 24 ދުވަސް ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 814 އަށް އަރައިފަ އެވެ. އެއީ ޖޫން މަހާ އަޅައިބަލާއިރު 200 އެއްހާ މީހުން އިތުރު އަދަދެކެވެ. މިފަހުން ކޭސްތައް ފެންނަމުންދާ އަދަދަށް ބަލާއިރު މި މަސް ނިމުމުގެ ކުރިން ފެންނަ ކޭސްތަކުގެ އަދަދު ހާހަކަށް އެރުމަކީ ވެސް ދުރު ކަމެއް ނޫނެވެ. އެހެން ނަމަވެސް މި އަދަދު ލޮކް ޑައުން އަދި ލޮކްޑައުންއާ ނުލައި ބަލައިލުމުން ފެންނަ މަންޒަރު ތަފާތު ވާނެއެވެ.

އޭގެ އިތުރުން ޖޫން މަހުގެ އެކަކުން 24 އަށް އެވްރެޖްކޮށް ޕޮޒިޓިވް ވެފައިވަނީ 22 މީހުންނެވެ. ނަމަވެސް މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 33 މީހުންނެވެ. މިއީ ވެސް 10 މީހުންގެ އިތުރުވުމެކެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުން، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ ލޮކްޑައުންގެ ލުއި ދިނުމާއެކު ގިނަ މީހުން އެއްވާ ގޮތަށް ހަފުލާތަކާއި ޕާޓީތަކާއި އެއްވުންތައް ބާއްވަމުން ދިއުމުގެ ސަބަބުންނެވެ. ގައިދުރުކަން ބެހެއްޓުމަށާއި މުހިންމު ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން ތަކުރާރުކޮށް ނަސޭހަތްތެރިވަމުން އަންނަނީ މިހެން ވެގެންނެވެ. ވެކްސިނެއް ފެންނަންދެން ބަލި ކޮންޓްރޯލް ކުރެވެން އޮތް މަގަކީ ވެސް އެއީ އެވެ.

މި އަދަދަށް ކޭސްތައް ފެނުނު ނަމަވެސް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުންނަމަ 30 ނުވަތަ 40 ކޭސް ދުވާލަކު ފެނުމަކީ މިކަހަލަ ބަލިމަޑުކަމެއްގައި މަތީ އަދަދެއް ނޫނެވެ. މިފަދަ ބަލިތަކުގައި އަބަދުވެސް ބޭސް ލައިނެއް (ބަލިޖެހޭ މީހުންގެ އަދަދު އެންމެ ދަށްކޮށް ހުންނާނެ މިންވަރެއް) އޮންނާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 އާ ދޭތެރޭގައި ކަމަށް ބެލެވޭ ކަމަށް ވެސް އަފްޒަލް ވިދާޅުވެފައިވެ އެވެ.

ބަލި ފެތުރެން އަޅަންޖެހޭ ފިޔަވަޅު އެނގޭ، އަމަލުކުރާ މީހުން މަދު!

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަނީ ދިވެހިންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅު ނޭނގޭތީހޭ މިއީ ކުރަން ރަނގަޅު ސުވާލެކެވެ. އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން މިދިޔަ މެއި މަހު ކުރިއަށް ގެންދިޔަ ސާވޭގައި 2871 މީހެއްގެ ފަރާތުން މައުލޫމާތު އެއްކުރިއިރު، އޭގެ ތެރެއިން 85 ޕަސެންޓް މީހުން ބުނާ ގޮތުން ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅަން ޖެހޭ ރަނގަޅު ފިޔަވަޅުތައް އެމީހުންނަށް އެނގެ އެވެ. އަދި 94 ޕަސެންޓް މީހުންނަށް ކޮވިޑުގެ އަލާމާތްތައް އެނގޭއިރު ގޭތެރޭގައި ގައިދުރުކަން ނުގެންގުޅެވިދާނެ ކަމުގެ ކަންބޮޑުވުން 33 ޕަސެންޓް މީހުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް ފަހުން ހެދި ސާވޭއަކުން ދައްކާގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އެނގުނަސް، އެ ފިޔަވަޅު އަޅާ މީހުން މަދެވެ. އެގޮތުން މިދިޔަ ޖޫން މަހު 2517 މީހުން ބައިވެރިވެގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި 69 ޕަސެންޓް މީހުން އަތް ދޮވުމަށް ސަމާލުކަންދެ އެވެ. އަދި 67 ޕަސެންޓް މީހުން މާސްކު އަޅައިގެން އުޅޭއިރު 57 ޕަސެންޓް މީހުން ގައިދުރުކަމަށް ސަމާލުކަންދޭ ކަމަށް ސާވޭއިން ދައްކަ އެވެ.

ވެކްސިނެއް ލިބޭނެ ދުވަހެއް ނޭނގެ، އޮތީ ރައްކާތެރިވުން

ކޮވިޑަށް ވެކްސިނެއް ހޯދުމަށް 150 އަށްވުރެ ގިނަ ފަރާތުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުތަކާއި އަމިއްލަ ޖަމިއްޔާތަކުންނާއި ޕްރައިވެޓް ކުންފުނިތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ ވެކްސިން އަންނަނީ އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަމުންނެވެ. އެ ޓެސްޓުތަކުން އުންމީދީ ނަތީޖާތަކެއް ނުކުތް ނަމަވެސް، އެ ވެކްސިން ލިބޭނެ ދުވަހެއް ބުނަން އަދި ދައްޗެވެ. ފަހަރުގައި އަދި ގިނަ ދުވަސްތަކެއް ވެސް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ވެކްސިނެއް ލިބެންދެން މުޅި ދުނިޔެ ހުއްޓުމަކަށް ގެނެވޭކަށް ނެތެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މިބަލީގެ އަސަރު އެތައް ބަޔަކަށް ކޮށްފި އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަޔަކުން، އެތައް ހާހަކުން މީހުން މަރުވަމުން އެބަ ދެއެވެ. އިގްތިސާދުތައް ނިކަމެތި ވެއްޖެ އެވެ. އެހެންކަމުން ބަލި މުޅީން ނުހުއްޓުވުނު ނަމަވެސް، ވެކްސިނެއް ނެތި ވެސް މި ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ ކުރިން މި ބަލި ފެތުރޭގޮތް އެނގިފައި އޮތުމަކީ ވެސް މުހިންމު ކަމެކެވެ. މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު ކޮވިޑަކީ އިންސާނެއްގެ ފަރާތުން އިންސާނަކަށް ޖެހޭ ބައްޔެކެވެ. އަދި އެގޮތަށް ވެސް ބަލި ޖެހެނީ ހަ ފޫޓަށްވުރެ ކައިރީގައި ތިބޭ ނަމައެވެ. އެގޮތުން ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ، ކިނބިހި އަޅާ އަދި ވާހަކަދައްކާއިރު ބޭރުވާ ޑްރޮޕްލެޓްސްތައް އެހެން މީހެއްގެ ފުންޕާމެޔަށް އެތެރެވުމުން ޖެހޭ މި ބައްޔަކީ އަލާމާތެއް ނެތް މީހުންގެ ފަރާތުން ވެސް ފެތުރޭ ބައްޔެކެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުން އެންމެ ފުރަތަަމަ ވެސް ދޭ އެއް އިރުޝާދަކީ އަތް ދޮވުމެވެ. އެގޮތުން އާންމު ތަނެއްގައި އުޅުމަށްފަހު ނުވަތަ ކެއްސައި ކިނބިހި އަޅައި ނުވަތަ ނޭފަތް ފޮޅައިލުމަށްފަހު ސައިބޯނި ލައިގެން 20 ސިކުންތު ވަންދެން އަތް ދޮވުން މުހިންމެވެ. އޭގެ އިތުރުން ކެއުމުގެ ކުރިންނާއި ފަހުން، މޫނުގައި އަތްލުމުގެ ކުރިން، ފާހާނަ ބޭނުން ކުރުމަށްފަހު، ބަލި މީހަކަށް އަޅައިލުމަށްފަހު ވެސް އަތް ދޮންނަން ސަމާލުކަން ދޭންޖެހެ އެވެ. ފެނާއި ސައިބޯނި ނެތް ހިނދެއްގައި ސެނިޓައިޒާއެއް ބޭނުން ކޮށްގެން ވެސް އަތް ދޮވެވޭނެ އެވެ. ޖުމުލަ ގޮތެއްގައި ވީހާވެސް ގިނައިން އަތްދޮންނަން އާދަކުރާން ޖެހެ އެވެ.

ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައިދުރު ކަމަށެވެ. އެގޮތުން ގޭގައި ބަލި މީހަކު އޮތް ނަމަ، އެމީހަކާ ވީހާވެސް ދުރުން އުޅުން މުހިންމެވެ. ބޭރުގައި އުޅޭ އިރުވެސް ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށާއިއަލާމާތެއް ނެތި ވެސް ބަލި ފެތުރޭކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ރައްޓެހީން ނުވަތަ އޮފީހުގެ މާހައުލުގައި ވެސް މީހުންނާ ގައިގޯޅިވުން ހުއްޓައިލަން ޖެހެ އެވެ. އެއްވެސް މީހެއްގެ ގައިގައި ބަލިނެތް ކަމުގެ ގެރެންޓީ ނެތީމަ އެވެ.

ތިން ވަނަ ކަމަކީ މާސްކު އެޅުމެވެ. އެގޮތުން ތިމާގެ ގައިގައި ކޮވިޑުގެ އަލާމާތެއް ނެތް ނަމަވެސް އަނެކާގެ ރައްކާތެރިކަމަށް މާސްކު އެޅުން މުހިންމެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައިގެން ވެސް ގައިދުރުކަން ބަހައްޓަން ޖެހެ އެވެ. ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ނޭވާލުމުގެ މައްސަލަ ހުންނަ މީހުން އަދި އަމިއްލައަށް މާސްކު އަޅައި، ނަގަން ނޭނގޭ މީހުން މާސްކު ނޭޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.

ދިރާސާތަކުން އެނގިފައި ވަނީ ވެކްސިނަކާ ނުލައި ވެސް ކޮވިޑް ކޮންޓްރޯލް ކުރެވިދާނެ ކަމެވެ. އެއީ ތިން ކަމަކަށް ސަމާލުކަން ދީގެންނެވެ. އެއީ ގިނައިން އަތްދޮވުމެވެ. އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރުމެވެ. ގަވައިދުން މާސްކު އެޅުމެވެ. އެންމެންވެސް ފަރުދީ ޒިންމާ ނަގައި މި ތިން ކަންތަކަށް ފުރިހަމަޔަށް ތަބާ ވެއްޖެ ނަމަ ބަލި ކޮންޓްރޯލުވުން އޮތީ އަހަރެމެންގެ އަތްމަތީގަ އެވެ.