ރާއްޖޭގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ އާއިލާގެ ގިނަ ބަޔަކަށް ކޮވިޑް ޖެހި ނެގެޓިވްވާ ކުޑަކުދިން، ބަލާނެ މީހަކު ނެތިގެން އެ ބައްޔަށް ޕޮޒިޓިވް ވެފައި ތިބޭ ބެލެނިވެރިންނާއެކު ބައިތިއްބަން ޖެހުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ﷲގެ އިރާދަފުޅުން ކޮވިޑްގައި ކުޑަކުދިން މާބޮޑަށް ބަލި ވެފައި ނުވާ ކަމަށެވެ. ނަމަވެސް އާއިލާތަކަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމަކަށް އެކަން ވަމުންދާ ކަމަށް ޑރ. ވިދާޅުވިއެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، ރާއްޖޭގައި 200 އަށްވުރެ ގިނަ ކުދިންނަށް ކޮވިޑު ޖެހިފައިވާއިރު ހޮސްޕިޓަލުގައި ބާއްވަން ޖެހިފައި ވަނީ އުމުރުން އަހަރު ނުވާ ދެކުދިން ކަމަށެވެ.
އޭގެ އިތުރުން "ދެން ބާއްވަން ޖެހުނީ ކޮވިޑު ނުޖެހުނަސް އާއިލާ މީހުންނާ ކޮންޓެކްޓު ވެ ބައެއްފަހަރު ހުން، ނުވަތަ ރޯގާގެ އަލާމާތްތައް ފެނުމުން. ވަކިން ބާއްވަން ޖެހުނީމާ ފަސޭހައެއް ނޫން،" ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ކޮވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ 70 މީހަކު އިއްޔެ ވަނީ ބަލިން ރަނގަޅު ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް އޭގެ ކުރީ 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 70 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2498 އަށް އަރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ 55 މީހުން ކަމަށްވެސް ބުނެފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި ބަންގުލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ރާއްޖޭގައި ޖުމުލަ 3175 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 647 މީހެކެވެ.